ފަނޑިޔާރަކު މައްސަލައެއް ނިންމާ ގޮތަކާ ގުޅިގެން އެ ފަނޑިޔާރަކާ ދޭތެރޭ ސުލޫކީ ފިޔަވަޅެއް ނޭޅޭނެ ކަމަށް އަންގާ ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރެފައި މިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރުން ފަސްކުރުމަށް އަންގާ ސުޕްރީމް ކޯޓުން ނެރުނީ ގާނޫނުއަސާސީއާ ޚިލާފު ބާތިލް އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން ނެރުނު އަމުރެއްގަ އެވެ.
ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކާއި ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ބުނާ މާއްދާތަކާ ހަވާލާދީ ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭ އުސޫލުތަކުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
މިއަމުރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރުމަށް ނުވަތަ ބާތިލްކުރުމަށް ނުވަތަ އެ ނިންމުމަކާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުމަށް، ފަހުގެ ނިންމުންތަކާ ތަފާތުކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއް ނެތް ކަމަށް ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުކޮށް ގެރެންޓީ ކުރުމުގެ ގޮތުން ގާނޫނުއަސާސީއާއި، ބައިނަލްއަގުވާމީ މުއާހަދާތަކާއި، އާލަމީ އުސޫލުތަކާއި އިސްލާމީ ޝަރީއަތުގައި އަދުލުއިންސާފު ގާއިމުކުރުން ކަށަވަރުކޮށްދިނުމުގެ ގޮތުން އައިސްފައިވާ ދަލީލުތަކާއި އުސޫލުތަކަށް ބެލުމުން ފަނޑިޔާރެއްގެ ނިންމުން ގޯސް ކަމަށް ބުނެ އެއްވެސް ބާވަތެއްގެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހްތިސާސެއް ނޫން ކަމަށް އަމުރުގައިވެ އެވެ.
"ފަނޑިޔާރަކު ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނިންމުމެއް ނިންމުމަށްފަހު އިންސާފު ގާއިމުކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ޖައުހަރީ ސަބަބުތަކެއް ކުރިމަތިވާ ހާލަތުގައި، އެފަދަ ކޮންމެ ނިންމުމެއް މުރާޖައާކޮށް އިންސާފު ގާއިމުކުރެވޭ މަގަށް އެ ނިންމުން ބަދަލުކުރުމުގެ ބާރަކީ އަބަދުވެސް އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތް ތަމްސީލްކުރާ ދައުލަތުގެ އެންމެ މަތީ ކޯޓަށް ލިބިގެންވާ ޝަރުއީ އަދި ގާނޫނީ ބާރެއް ކަން އެނގޭ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ފަނޑިޔާރެއްގެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައި ދައުލަތުގެ އެންމެހާ ފަރާތްތަކަށް އަމުރުކުރާ ކަމަށްވެސް ސުޕްރީމް ކޯޓުގެ މިއަދު ނެރުނު އަމުރު ނިންމާލަމުން ބުނެފައިވެ އެވެ.
ފަނޑިޔާރަކު މައްސަލައެއް ނިންމާ ގޮތަކާ ގުޅިގެން ފިޔަވަޅެއް ނޭޅޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ