މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައުވާކުރެވޭނީ ޓެކްސްގެ ފައިސާ ހޯދަން ކަމަށާއި ލީޒް ރެންޓް ފަދަ އެހެނިހެން ފައިސާ ހޯދުމަށް ދައުވާކުރުމުގެ ބާރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިގޮތަށް ހުކުމްކުރީ ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ހއ. ދިއްދޫ ޕިންކްރޯސް މޫސާ ނަސީރަށް ދޫކޮށްފައިވާ ނ. ބަނޑައިދިއްދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކުރުމުން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން މޫސާ ނަސީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.
ސިވިލް ކޯޓުން ހުކުމްކުރީ ބަނޑައިދިއްދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 9،061،442.50ރ. ދެ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށެވެ. އެ ހުކުމް މޫސާ ނަސީރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ނޮވެމްބަރު 24، 2013 ގައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހުކުމް ކޮށްފަ އެވެ.
މީރާ އިން ދައުވާކޮށްފައި އޮތީ މޫސާ ނަސީރާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްއާ ދެމެދު ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ. އެހެންވެ އިސްތިއުނާފުގައި މޫސާ ނަސީރު ބުނެފައިވަނީ މިއީ އޭނާ އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައްސަލަ ކަމަށް ވާއިރު މިކަމުގައި މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. މީރާ އަކީ މި އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށް އިސްތިއުނާފުގައި ވަނީ ބުނެފަ އެވެ. އެހެންވެ ފައިސާ ދައްކަން މީރާ އިން މޫސާ ނަސީރަށް އަންގަނީ ގާނޫނީ ގޮތުން މީރާ އަށް ލިބިފައިވާ ބާރުގެ ބޭރުން ކަމަށް މޫސާ ނަސީރު ވަނީ ބުނެފަ އެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި މީރާ އަށް ދީފައިވަނީ ޓެކްސްއާ ގުޅުން ހުރި ކަންކަމުގައި ކޯޓުތަކުގައި ދައުވާކުރުމުގެ ބާރު ކަމަށާއި ލީޒް ރެންޓް ފަދަ ފައިސާ ހޯދަން ދައުވާކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށް މޫސާ ނަސީރު ސުޕްރީމް ކޯޓުގައި ވަނީ ބުނެފަ އެވެ.
މި ނުކުތާ އަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެއްބަސްވުމުގެ މައްސަލާގައި ފައިސާ ހޯދަން އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކަށް ދައުވާކޮށް މި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބަ އޮތްކަން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ވެސް ދެ ކަމެއް މޫސާ ނަސީރު ފާހަގަކޮށްފައިވެ އެވެ. އެއީ ސިވިލް ކޯޓުން ހުކުމް ކުރުމުގައި އެއްބަސްވުމުގެ މާއްދާއެއް ގޯސްކޮށް މާނަކޮށްފައި އޮތް ކަމަށް ބުނާ ބުނުމާއި ސިވިލް ކޯޓުގެ ހުކުމުގައި ފައިސާގެ އަދަދުތައް ހިސާބުކޮށްފައިވާއިރު ދިމާނުވާ ކަމަށް ބުނާ މައްސަލަ އެވެ. އެއްބަސްވުމުގެ ދަށުން އެއްވެސް ފައިސާއެއް ނެގޭނީ އެއްބަސްވުން ބާތިލްކުރުމާ ހަމަ އަށް ކަމަށާއި އެކަމަކު އެއްބަސްވުން ބާތިލްކުރުމަށް ފަހުގައި ވެސް ފައިސާ ދައްކަންޖެހޭނެ ކަމަށް ސިވިލް ކޯޓުގައި ހުކުމުގައި ބުނާ ކަމަށް ވެސް މޫސާ ނަސީރު ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިއީ ދަށު ކޯޓުގައި މޫސާ ނަސީރު ވާހަކަ ދައްކާފައިވާ ނުކުތާކަކަށް ނުވާތީ ހައި ކޯޓުން ހުކުމްކުރުމުގައި އެ ކަންކަމަށް ބައިލައިފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުން ވެސް އެ ކަންކަމަށް ރިއާޔަތެއް ނުކުރެ އެވެ.
ދައުވާކުރުމުގެ ބާރު މީރާ އަށް އޮންނާނެ ކަމަށް އެ އިދާރާ އިން ގަބޫލުކުރަނީ ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައި ޓެކްސް އާއި ޖޫރިމަނާ އާއި ފީ އާއި ރޯޔަލްޓީ އާއި އެހެނިހެން ފައިސާ ހޯދުމަކީ މީރާގެ ޒިންމާއެއް ކަމަށް އޮންނާތީ އެވެ. އަދި މީރާ އަކީ ދައުލަތުގެ "ކަލެކްޓަރު" ކަމަށް ވެސް ބުނެފައިވެ އެވެ.
ޓެކްސްގެ ގޮތުގައި ނުހިމެނޭ އެހެނިހެން ފައިސާ މީރާ އަށް ނެގުމުގެ ބާރު އޮތްތޯ ބެލުމަށް ގާނޫނުގެ އެކި މާއްދާތަކާ ހަވާލާދީ ހުކުމުގައި ބުނެފައި ވަނީ މުޅިން ވެސް ހުރީ ޓެކްސްއާ ގުޅުން ހުރި ކަންކަން އިންތިޒާމްކުރުމާ ބެހޭ ކަންކަން ބަޔާންކޮށްފައި ކަމަށެވެ. އަދި ގާނޫނު އަސާސީގައި ވެސް ޓެކްސް އާއި ކުލި ނުވަތަ ލީޒް ރެންޓަކީ ދެ އެއްޗެއްކަން ބަޔާންކޮށްފައިވާކަން ވެސް ހުކުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައި "އެހެނިހެން" ފައިސާއޭ ބުނެފައި އޮންނަނީ ޓެކްސްގެ ގޮތުގައި މާނަކުރެވޭ އެކި ފައިސާކަން އެ ގާނޫނުގެ މާއްދާތަކުން އެނގެން އޮންނަކަން ވެސް ހުކުމުގައިވެ އެވެ.
ޓެކްސް އަށް ނުވާ ފައިސާ ބަލައިގަންނާނެ ގޮތް، ޓެކްސްގެ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ދައްކަންކަންޖެހޭ ފައިސާގެ ވާހަކަ ކަން ހުކުމުގައިވެ އެވެ. ނަމަވެސް ބަނޑައިދިއްދޫގެ ކުލީގެ ފައިސާ އަކީ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ޓެކްސްގެ ފައިސާގެ ގޮތުގައި ހޯދަން މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. ގާނޫނީ ގޮތުން އުފެދިފައިވާ އިދާރާއަކަށް ގާނޫނީ ގޮތުން ދީފައިވާ ބާރެއް ނޫން އެހެން ބާރެއް ހޯދެން ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޯޓުގައި އޭޖީން ބުނެފައިވަނީ ފިޝަރީޒަށް ދައްކަންޖެހޭ ފައިސާ މީރާ އަށް ދައްކަން އަންގައި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުކުމުގައި ބުނީ ފައިސާ ބަލައިގަތުން ހަވާލުކުރުމާއި އެ ފައިސާ ހޯދަން ދައުވާކުރުމަކީ ދެ ކަމެއް ކަމަށެވެ. އަދި މިފަދަ ފައިސާ ހޯދަން ދައުވާކުރުމުގެ ބާރު ހޯދަން ގާނޫނާއި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު ބައިވެރިވެ ވަޑައިގެންނެވި ބެންޗުން ކުރި ހުކުމުގައި ބުނީ މީރާ އިން ޓެކްސްގެ އިދާރީ ގާނޫނުގައި އެ އިދާރާ އަށް ދީފައިވާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި މާއްދާތައް މާނަކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
(ތަފްސީލް އަންނަނީ)
މީރާ އަށް ދައުވާކުރެވޭނީ ޓެކްސް އާއި ޓެކްސްއާ ގުޅުން ހުރި ފައިސާ ހޯދަން: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ