ރައްޔިތުން އިންތިހާބު ކުރި ހައިސިއްޔަތު ބަދަލުކުރެއްވުނީތީ ހިތާމަކުރައްވާ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުން އިންތިހާބުކުރި ހައިސިއްޔަތު ދޫކޮށްލައްވައި ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު އެޕާޓީން ވަކިވެވަޑައިގަތުމުން ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔުމުގައި ޕާޓީ ބަދަލުކުރެއްވި މެމްބަރުން ޒިންމާ ނަންގަވަން ނުޖެހޭތޯ ދެންނެވުމުން މުހައްމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެފައި ވުމުން، ނިންމެވުނު ނިންމެވުމާ މެދު ހިތާމަކުރައްވާ ކަމަށެވެ. އެނިންމެވުމުގެ ސަބަބުން ދާއިރާއަށް ބައެއް ކަންކަން ކުރެވިފައި ވެސް އެބަހުރި ކަަމަށާއި ނަމަވެސް ސަރުކާރުން އެބޭފުޅުންނަށް ދެއްކީ ތަރައްގީގެ ދަޅައެއް ކަމަށެވެ.
ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި މުހައްމަދު އަބްދުﷲ ވިދާޅުވީ އޭނާއަށް ވޯޓު ދިނީ ހަމައެކަނި ޖޭޕީގެ މެމްބަރުން ނޫން ކަމަށާއި ރައްޔިތުން ވޯޓު ދިނީ ތަރައްގީއަށް ކަަމަށެވެ. އަދި ސަރުކާރު ކޯލިޝަން ތެރެއިން ޖޭޕީ ވަކިވި ފަހުން ޕީޕީއެމާ ގުޅިވަޑައިގަތީ ވީހާވެސް ސަރުކާރާ ގާތުން މަސައްކަތްކޮށް ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދިނުމުގެ އުންމީދުގައި ކަމަށެވެ.
"އިހަވަންދޫގައި ނަރުދަމާ އެޅިފައި ރަށެއްގައި ކަމެއް ހިނގައިދިޔައީމަ ރައްޔިތުންނަށް ވަރަށް ބޮޑުކޮށް އެކަން ފެނިދާނެ. އެބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެން ދާއިރާގެ ރައްޔިތުން ސަރުކާރާ ދުރަށް ދިޔައީމައޭ ކަމެއް ނުކުރެވުނީ. ބަޖެޓުގައި ހިމަނާފައި ހުރި ކަންކަން ވެސް އަޅުގަނޑުމެން ދުރަށްދިޔަ ހިސާބުން ފޮހެވިގެން ދިޔައީ. މިސްކިތް ދިޔައީ ފޮހެވިގެން. ބަނދަރު ދިޔައީ ފޮހެވިގެން. 14 މިލިއަނުން، 7 މިލިއަނުން ޖަހާފައި ހުރި ކަންކަން ވެސް ދިޔައީ ފޮހެވިގެން" މުހައްމަދު އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުންނަށް ކަންކަން ކޮށްދެއްވާފައި ނުވަނީ އެހެންވެ ކަމަށެވެ. ދާއިރާގެ ރައްޔިތުންނަށް ފުއްދައިދެވިފައި އޮތީ ދާއިރާގެ މެމްބަރުން ވެވަޑައިގަތް ވައުދެއް ކަމަށާއި ރައީސް ޔާމީން އިހަވަންދޫ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ދާއިރާއަށް ވީކަމެއް ވީވެސް ސަރުކާރާ އެކުގައި ހުންނެވުމުން ކަމަށް ރައްޔިތުން ވެސް ގަބޫލުކުރާ ކަަމަށާއި ނަމަވެސް އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށެވެ. އަސާސީ ހިދުމަތްތަކަކީ މެންބަރު ކޮންމެ ފިކުރެއްގައި ހުންނެވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
މުހައްމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު ގާނޫނާ ހިލާފަށް ގެއްލުވާލައި އަހަރުދުވަސް ފަހުން މަޖިލީހަށް ވަދެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުން އައިސްފައިވާ ކަމަށެވެ.
ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުން ބުނަމުން ދިޔައީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމުގައި ކަަމަށާއި އަހަރުދުވަސް ފަހުން ނަމަވެސް އިންސާފު ލިބިގެން ދިއުމަކީ ރައްޔިތުން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށް ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ އިހަވަންދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ހައިސިއްޔަތު ބަދަލުކުރެވުނީތީ ހިތާމަކުރަން: މުހައްމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ