މޫސުން ގޯސް، ސަމާލުވޭ

މިއަދުގެ އިތުރު ވަގުތު ތަކުގައި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހިދާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށާއި އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަަމަށެވެ. އަދި އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭވެހިދާނެ ކަމަށް ލަފާކުރެވޭތީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓެއް ވެސް ނެރިފައިވާ ކަމަށެވެ. އަދި އެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 ހަމައަށް ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ