12 ފުލުހެއްގެ ހެކި ބަހުން ވެސް މެމްބަރު މޯޑު ގެއްލުން ދިން ކަމެއް ނޭނގުނު

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނުމުގައި އަދި އެފަދަ ކަމެއް ކުރުމަށް ގޮވާލުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ބައިވެރިވެފައިވާތަނެއް ނުފެންނަ ކަމަށް 12 ފުލުހަކު ހެކިބަސް ދީފި އެވެ.
ބާރަ ފުލުހަކު އެގޮތަށް ހެކިބަސްދީފައި ވަނީ އައްޑޫ ސިޓީގެ ގަން ޕޮލިސްޓޭޝަނާއި އެ ސިޓީގައި ހުރި ދައުލަތުގެ އެހެނިގެން އިދާރާތައް ދޮށަށް އެއްވެ އެތަންތަނަށް ގެއްލުންދިނުމަށް މެޓްރިކްސް މޯޑު ގޮވާލާފައިވާ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
ހެކި ބަސްދިން ހުރިހާ ފުލުހުން ވެސް ބުނީ ގަމަށްދާން އޮންނަ ކޯޒިވޭގެ މެދުގައި ހުރެ އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނާއި އަދި ފުލުހުންނާ މުޚާތަބުކޮށް މޯޑު ވާހަކަދެއްކެވި ކަމަށެވެ. އެގޮތުން ބަޣާވާތަކުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުލުހުން ވައްޓާލާފައިވާ ކަމަށާއި އެހެންކަމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ވައްޓާލުމަށް މުޒާހަރާގެ ބައިވެރިންނާ ފުލުހުން ގުޅުމަށް މޯޑު ގޮވާލާފައިވާ ކަމަށް ބައެއް ފުލުހުން ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މޯޑުގެ ދިފާއީ ވަކީލާއި ދައުލަތުގެ ވަކީލުގެ އިތުރުން ގާޒީ ވެސް ހެކީންނާއި ސުވާލުކުރި އެވެ. ނަމަވެސް ގަން ޕޮލިސްޓޭޝަނަށް ގެއްލުންދިނުމަށް އޭނާ ގޮވާލި އަޑު އިވިފައިނުވާ ކަމަށް ހެކިބަސްދިން ހުރިހާ ފުލުހުން ވަނީ ބުނެފަ އެވެ.
ހެކިބަސްދިން ބައެއް ފުލުހުން ބުނީ ގަން ޕޮލިސްޓޭޝަނާ ދިމާލަށް ދިޔުމަށް ފުލުހުން ހުއްދަ ނުދީފިނަމަ "ވަދެގަންނާނެ" ކަމަށް އަޑުގަދަކުރާއިން މޯޑު ގޮވަމުންދިޔަ ކަމަށެވެ. އަދި މޯޑު ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ ހެކިބަސްދީފައިވާއިރު، އިންޒާރުދިނުމުގެ ގޮތުން އޭނާ ވިދާޅުވީ ކީކޭކަން ހަނދާނެއް ނެތް ކަމަށް ހެކިބަސްދިން ފުލުހުން ވަނީ ބުނެފައެވެ.
މޯޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ގަމަށް ދާން އޮންނަ ކޯޒްވޭގައި ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ފުލުހުންނަށް ހަމަލާދިނުމަށާއި ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ގަން ޕޮލިސްޓޭޝަނާއި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުންދިނުމަށް މޯޑު ގޮވާލާފައިވާ ކަމަށް ބުނެ އެ ސަރަހައްދުގައި އުޅުނު ބަޔަކު ތަހުގީގަށް ހެކިބަސްދިނުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ