އާންމު ސިއްހަތާއި ރައްކާތެރިކަމަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުން އައި ދަމަނަވެށި ބަންދުކޮށް މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ދަމަނަވެއްޓަކީ، ވެކްސިން ޖެހުމާއި ކުދިންގެ ބަރުދަން ބެލުން ފަދަ ކަންކަމުގައި ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ހިދުމަތް ހޯދާ ތަނެކެވެ. އާއިލާ ރޭވުމާ ގުޅޭ ލަފާދިނުމާއި ކައުންސިލިންނާއި ނަފްސާނީ އެހީތެރިކަމުގެ ހިދުމަތް ވެސް އެތަނުން ދެ އެވެ.
ބުނީ ކީކޭ؟ - ނަން ނުޖުހާ ގޮތަށް 'ދައުރު'އާ ވާހަކަދެއްކި މުވައްޒަފަކު ބުނީ އަންނަ ބުރާސްފަތި ދުވަހު ތަން ބަންދުކުރަން ނިންމިކަން އެންގީ އިއްޔެ ކަމަށެވެ. ދަމަނަވެށީގެ 35 މުވައްޒަފުން މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަނަށް ބަދަލުކުރަން ނިންމާފައިވާކަން ވެސް އިއްޔެ އަންގި ކަމަށް އޭނާ ބުންޏެވެ.
މުވައްޒަފު ބުނި ގޮތުން:
ދަމަނަވެށި ބަންދުކުރާކަން އެންގީ މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީގެ ވެރިން ދަމަނަވެށީގެ މުވައްޒަފުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި
ގަޑިއެއްހާއިރަށް ކުރިއަށްދިޔަ ބައްދަލުވުމުގައި ބުނީ މުވައްޒަފުން ބަދަލުވާން ބޭނުންވާ ތަންތަން މިއަދު ދޭއް ޖެހުމުގެ ކުރިން އަންގަން
އެކަމަކު އޭނާ ބުނި ގޮތުގައި ކުއްލިއަކަށް އެފަދަ ބަދަލެއް ގެންނާތީ މުވައްޒަފުން ތިބީ ޝޮކެއްގަ އެވެ.
"އެހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ވަކި ގޮތެއް ނިންމަން ވަރަށް އުނދަގޫވާނެ ދެއްތޯ، ކޮން ތާކަށްތޯ ދާނީ. ހާއްސަކޮށް އަންހެން މުވައްޒަފުންނަށް ވަރަށް ބޮޑަށް ދަތިވާނެ،" އޭނާ ބުންޏެވެ.
"މިތާގައި އަޅުގަނޑުމެން ޑިއުޓީ މި ނަގަނީ ހެނދުނު 8 އިން 4 އަށް. އާއިލާގެ ކަންކަމާއި ކުދިންގެ ކިޔެވުމުގެ ކަންކަން ވެސް ހަމަޖައްސާފައި މިހުންނަނީ ޑިއުޓީގެ ވަގުތުތަކަށް ބަލާފައި."
ސަރުކާރުގެ ހޮސްޕިޓަލްތަކާ ހިލާފަށް ސަރުކާރު ބަންދު ދުވަސްދުވަހު ދަމަނަވެށި ވެސް ބަންދުކުރެ އެވެ.
'ދައުރު'އާ ވާހަކަދެއްކި މުވައްޒަފު ބުނީ މި ގެނައި ބަދަލާ އެކު އެހެން ތަންތަނުގައި މަސައްކަތްކުރަން މުވައްޒަފުން ދެކޮޅުހަދަނީ ނޫން ކަމަށެެވެ.
"މި ބަދަލަށް ހަމަ މަރުހަބާ ކިޔަން. އެކަމަކު ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް ގެނައިމާ ވަރަށް ބޮޑަށް އުނދަގޫވާނެ. މިހާރު ރާވާފައިވާ ކަންކަމަށް ވެސް ބޮޑެތި ހުރަސްތަކެއް އަންނާނެ،" އޭނާ ބުންޏެވެ.
"މުވައްޒަފުން ތިބީ އެއްގޮތަކަށް ވެސް ތައްޔާރަކަށް ނޫން މިފަދަ ކުއްލި ބަދަލަކަށް."
އެނގިފައިވާ ގޮތުގައި ދަމަނަވެށި ބަންދުކުރަނީ އެތަނާއި އިންވެގެން ހުންނަ ކުރީގެ ތެލްސީމިއާ ސެންޓަރާއި ދަމަނަވެށި އެއްކޮށްލައިގެން ސިއްހީ ހިދުމަތް ދޭނެ އެހެން މަރުކަޒެއް ހަދާށެވެ.
ަދަމަނަވެށި ބަންދުކޮށް، މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ