"އަމިއްލަ އެދުމެއް ހާސިލް ކުރަންވީމަ، އިދިކޮޅު ފަރާތްތަކަށް މައުމޫނު ވަރެއް ނެތް"- އަބްދުއްރަހީމް

އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމުގެ ކޮނޑުފުޅުގައި ނާޅުވާ އެއްވެސް އިލްޒާމެއް ނެތް ކަމަށާއި، އެހެންނަމަވެސް އެފަރާތްތަކަށް މިއަދު މައުމޫން ވަރެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.ކާނިވާ ސަރަޙައްދުގައި ޕީޕީއެމްއިން ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ކުރީގެ ރައީސް މައުމޫނަކީ، ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް، މިއަދު ކޯލިޝަން ހަދައިގެން ނުކުމެ ތިބި މީހުން ކުރީގެ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެކި އިލްޒާމްތައް އަޅުވައިގެން އެމަނިކުފާނު ބަދުނާމް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ."އަނިޔާވެރިއެކޭ ބުނީ. ޣައްދާރެކޭ ބުނީ. ޓެރަރިސްޓެކޭ ބުނީ. ޑިކްޓޭޓަރެކޭ ބުނީ. ނުބުނާ އެކައްޗެއްވެސް ނެތް. ނުކުރާ ތުހުމަތެއް ނެތް. ނާޅުވާ އިލްޒާމެއް ނެތް" އަބްދުއްރަޙީމް ވިދާޅުވިއެވެ. އަބްދުއްރަޙީމް ވިދާޅުވީ، އެހުރިހާ ތުހުމަތެއް ކުރުމަށްފަހުގައި އެމްޑީޕީގެ ޖަގަހަތަކުގައި ޖަހަމުން އަންނަ ލަވަޔަކީ "ތިޔައީ ޒައީމޭ" ކަމަށެވެ.އަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވައްކަމުގެ ވާހަކަ ދައްކަމުން އަންނައިރު، ވެރިކަން ލިބުމުން ހަޤީޤީ ވައްކަން ކުރި ބަޔަކީ އެމްޑީޕީ ކަމަށެވެ. "ކޮން ވައްކަމެއްތޯ ނުކުރަނީ؟ އަޅުގަނޑުމެންގެ މައި ދޮރާށި ވިއްކާލީ. ކޮބައިތޯ ފައިސާއަށް ހެދި ގޮތް. " އަބްދުއްރަޙީމް ވިދާޅުވިއެވެ.އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންއާއި ވާދަ ކުރުމުގެ ޤާބިލްކަމެއް އިބޫއާއި ފައިސަލްގެ ކިބައިގައި ނެތް ކަމަށެވެ. އަބްދުއްރަޙީމް ވިދާޅުވީ ސިނަމާލެ ބްރިޖާއި، 25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫޢު އަގުބޮޑު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ، އެމަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އޮތް ލޯބި އިތުރުވެދާނެތީ، ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ