ކެނެޑާގެ މަގުމަތީގައި ހިނގާފައިދަނިކޮށް ސްކޫލް ކުއްޖެއްގެ ބުރުގާ "ކޮށާލައިފި"
ކެނެޑާގެ ޓޮރޮންޓޯގެ މަގުމަތީ ހިނގާފައި ދިޔަ 11 އަހަރުގެ ކުއްޖެއްގެ ބުރުގާ "ކޮށާލައިފި" އެވެ. ހައުލާ ނުއުމާން ކިޔާ މި ކުއްޖާ އިއްޔެ އޭނާގެ ކޮއްކޮ އާއެކުު ހިނގާފައި ސްކޫލަށް ދަނިކޮށް މަގުމަތިން އައި މީހަކު ހައުލާ ގެ ފަހަތުން ގޮސް އެ ކުއްޖާގެ ބުރުގާ ކޮށައިލީއެވެ. "އަހަރެން ހުރީ ބިރުގަނެ އަދި ހައިރާންވެސް ވެފައި،" އެ ހާދިސާ އާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ހައުލާ ބުންޏެވެ. ހައުލާ ބުނީ ބުރުގާ ކޮށައިލުމުން ހަޅޭއްލަވަން ފެށި ކަމަށާއި އެވަގުތު އެމީހާ ފިލީ ކަމަށެވެ. ނަމަވެސް އަނެއްކާވެސް އެ މީހާ މަގުމަތިން ދިމާކުރި ކަމަށް ހައުލާ ބުންޏެވެ. ހައުލާ "ނަފުތަރުގެ ކުށުގެ" ގޮތުގައި ފުލުހުން އެމައްސަލަ ބަލަމުން އަންނަ އިރު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެ އަމަލު ކުށްވެރިކޮށް ހައުލާ އާއެކު ހުރިކަމަށް ވިދާޅުވެ ޓްވީޓެއް ކޮށްފައެވެ. My heart goes out to Khawlah Noman following this morning’s cowardly attack on her in Toronto. Canada is an open and welcoming country, and incidents like this cannot be tolerated. — Justin Trudeau (@JustinTrudeau) January 12, 2018 ޓްރޫޑޯގެ ޓްވީޓުގައި ވިދާޅުވީ ކެނެޑާ އަކީ ހުރިހާ އެންމެންނަށްވެސް ހުޅުވާލެވިފައިވާ ކަމެއް ކަމަށާއި ހައުލާ އަށް ދިންފަދަ ހަމަލާތަކަކީ ގަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ފަދަ ކަމެއްނޫން ކަމަށެވެ. ޓްރޫޑޯގެ އިތުރުން އޮންޓޭރިއޯ ލިބަރަލް ޕާޓީގެ ލިޑަރު ކެތްލީން ވޭނީ ވެސް ވަނީ ހައުލާ އަށް ދިން ހަމަލާ ކުށްވެރިކޮށް ޓްވީޓެއް ކުރައްވައިފައެވެ. ހައުލާ އަށް ހިތްވަރު ދިނުމަށް އޭނާ ވަނީ ގޮވަލައްވައިފައެވެ. ހައުލާ އޭނާގެ މަންމަ އާއެކު -- ފޮޓޯ: ގެޓީ ހައުލާ އަށް ހަމަލާދިނީ 20 އަހަރާ 30 އަހަރާ ދެމެދުގެ މީހެއް ކަމަށާއި އެމީހާގެ އިސްކޮޅުގައި ފަސް ފޫޓު ހަތް އިންޗި ހުންނާނެ ކަމަށް ފުލުހުން ބުނެއެވެ. ހަމަލާދިން މީހާ ހުރީ ކަޅުކުލައިން ހެދުން އަޅާފައި ކަމަށާއި އަތަށް ލައްވާފައި އޮތީ މުށި ކުލައިގެ އަންގިއެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ހައުލާ ވަނީ އޭނާއަށް ދިން ހަމަލާ ސްކޫލުގެ މެނޭޖުމެންޓުގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަން ފުލުހުންނަށާއި ހައުލާގެ އާއިލާ އަށް އެންގީ ސްކޫލުންނެވެ. އެ ހާދިސާއަށްފަހު ހައުލާ ބުނީ މިހާރު ސްކޫލަށްދާންވެސް ބިރުގަންނަ ކަމަށެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ހައުލާގެ މަންމަ ބުނީ އެފަދަ އަމަލުތަކަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އަހަރެންނަކީ ކުޑަ ކުއްޖެއް. އެފަދަ އަމަލުތައް ބަލައެއް ނުގަނެވޭނެ. އެކަންތައް ހުއްޓަންވެސް ޖެހޭނެ،" އެ ހާދިސާ އާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހައުލާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ