ރާއްޖެއަކީ ފުޓްބޯޅައިގައި ވަރުގަދަ ކުޅަދާނަ ގައުމެއް: ރައީސް މައުމޫން

ރާއްޖެއަކީ ފުޓްބޯޅައިގައި ވަރުގަދަ ކުޅަދާނަ ގައުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕްގެ ފުރަތަމަ މެޗް ޝަރަފްވެރިކުރުމަށްޓަކައި އެފްއޭމުން ދެއްވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށް ފަހު، މީޑިއާ އަށް ދެއްވި އިންޓަވިއުގަ އެވެ.
ފޯމާ ޕްރެޒިޑެންޓް އޮފީސް ހ. ފުލިދޫގޭގައި މިއަދު އޮތް ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވަނީ ރައީސް މައުމޫނަށް މުބާރާތުގެ ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވުމަށް އެދި ދައުވަތު ދެއްވާފަ އެވެ. އަދި މުބާރާތުގައި ގައުމީ ޓީމުން ބޭނުން ކުރާ ޖާޒީ މައުމޫނަށް ހަވާލު ކޮށްދެއްވީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ، ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖު ކަޕްގެ ހުޅުވާ މެޗަށް ދައުވަތު ދެއްވި ކަމަށް ޓަކައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި އަދި ދައުވަތު ގަބޫލް ކުރައްވައި އެ ދުވަހު ގައުމީޓީމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް މައުމޫން މިއަދު ދެއްވި އެވެ.
"ފުޓްބޯޅަ އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން. މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަދި ޖާޒީ ހަދިޔާ ކޮށްދެއްވި ކަމަށްޓައި ވެސް ފުޓްބޯޅަ އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން. ޖާޒީ ހަވާލުވުމަކީ އަޅުގަނަޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، މިވަގުތު ރާއްޖޭގައި މިއޮތް ގައުމީ ފުޓްބޯޅަ ޓީމަކީ ވަރަށް ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން ރަނގަޅު މޮޅު ކުޅުމެއް ދައްކާނެ ކަމާ މެދު ވަރަށް ބޮޑު އުންމީދެއް އެބޮތް ކަމަށެވެ. އަދި މީގެ ކުރިން ވެސް ރާއްޖެ ވަނީ ސަރަހައްދުގެ އެހެނިހެން މުބާރާތްތަކުގައި ވާދަކޮށް ރީތި ވަނަތަކެއް ހޯދާފައި ކަމަށާއި އެހެން ކަމުން މިފަހަރުގެ މުބާރާތުން އެއް ވަނަ ހޯދައިގެން އަންނަ އަހަރު އޮސްޓޭލިއާގައި އޮންނަ އޭޝިއަން ކަޕަށް ގައުމީ ޓީމް ދަތުރު ކުރުމަކީ، ގައުމަށް ލިބޭނެ ރީތި ނަމަކާއި ޝަރަފެއް ކަމަށެވެ.
"ރާއްޖޭގެއަކީ ފުޓްބޯޅައަށް ވަރަށް ކުޅަދާނެ ގައުމެއް. ވަރަށް ހުނަރުވެރި ކުޅުންތެރިން ޓީމުގައި އެބަތިބި. އަދި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިން ވެސް އެބަތިބި. ރާއްޖޭގައި މިބޭއްވޭ މުބާރާތުގައި އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ތާއީދާއެކީ މުބާރާތް އަޅުގަނޑުމެންގެ ޓީމް ކާމިޔާބު ކުރުމަކީ އެކަށީގެންވާ ކަމެއް. އެކަން އަޅުގަނޑުމެނަށް ކުރެވިދާނެ. ހިތްވަރު ކޮށްފިޔާ ކާމިޔާބު ވާނެ. އަޅުގަނޑުމެންގެ ޓީމުން މުބާރާތުގައި ރީތި ކުޅުމެއް ދެއްކުން ވަރަށް މުހިންމު. ކުޅިވަރުގެ ރޫހާ އެއްގޮތަށް އަޅުގަނޑުމެން ކުޅުމަކީވެސް ވަރަށް މުހިމުކަމެއް. ކުޅިވަރަކީ ހަމައެކަނި މޮޅުވުމާއި ދެރަވުމެއް ނޫން." މައުމޫން ވިދާޅުވިއެވެ.
އެފްއޭއެމްގެ ދައުވަތު ރައީސް މައުމޫން ގަބޫލުކުރެއްވި ކަމަށްޓަކައި އެއިދާރާގެ ރައީސް އިލްހާމް އަހުމަދު ވަނީ ރައީސް މައުމޫނަށް ޝުކުރު ދަންނަވާފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ