މި އަހަރުގެ އިންތިޚާބުގައި ވިހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އަދްލީ ގޮވާލައްވައިފި
ރީ ރަޖިސްޓްރީ ކުރަންޖެހޭ ހުރިހާ ފަރާތްތަކުންވެސް ރީ ރަޖިސްޓްރީކޮށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް ރައީސް ޔާމީންގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ، އަދްލީ އިސްމާޢިލް ގޮވާލައްވައިފިއެވެ.ސަކީނާ މަންޒިލްގައި ހުންނަ ޕީޕީއެމް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީއިން ކުރިއަށްގެންދާ ރީ ރަޖިސްޓްރޭޝަން މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް މީޑިއާ އާއި ހިއްސާކުރައްވަމުން އަދްލީ ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ފުރާ ހުރިހާ ފޯމުތަކަކީ، އެ ފޯމުތަކުގެ މަޢުލޫމާތު ވެރިފައި ކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް ފޮނުވާނެ ފޯމުތަކެއް ކަމަށެވެ. އަދި މިހާރު ވަރަށް ހަލުވި ސްޕީޑުގައި ފޯމުގެ މަޢުލޫމާތުތައް ވެރިފައި ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށް އަދްލީ ވިދާޅުވިއެވެ. އަދްލީ ވިދާޅުވީ، ޕީޕީއެމްގައި ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަނީ ކަމުގެ ތަމްރީނުތައް ހޯދާފައި ތިބި މީހުން ކަމަށެވެ. އަދި ފޯމުތަކުގެ މަޢުލޫމާތުތައް ޗެކު ކުރެވޭ މިންވަރަކުން އިލެކްޝަންސްއަށް ހުށަހަޅަމުން ދާކަމަށްވެސް އަދްލީ ވިދާޅުވިއެވެ.އަދްލީގެ އިތުރުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވެސް ވަނީ ޕީޕީއެމްއިން ފުރާ ހުރިހާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރީ ރަޖިސްޓްރީ ކުރުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް، ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓު ލުމަށް ސާޅީސް ފަސްހާސް މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ