މައުމޫން އާއި ނަދީމް ދޫކޮށްލަން ހުށަހެޅި ހެބިއަސް ކޯޕްސްގެ މައްސަލަ ބަލައިގަނެފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ދޫކޮށްލުމަށް އެދި ވަކިވަކިން ހުށަހެޅި ހެބިއަސް ކޯޕްސް މައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގެންފި ކަމަށް އެ ބޭފުޅުންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން އާއި ނަދީމް ހައްޔަރުކޮށްފައި ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން ރޭވި ކަމުގެ ތުހުމަތުގަ އާއި ރިޝްވަތު ދިން މައްސަލައިގެ ތުހުމަތުގައި ތަހްގީގަށެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށެވެ. ރައީސް މައުމޫން ދޫކޮށްލުމަށް އެދި ހުށަހެޅި ހެބިއަސް ކޯޕްސްގެ މައްސަލާގައި ބުނެފައި ވަނީ އެމަނިކުފާނު ހައްޔަރުކޮށް ބަހައްޓާފައި ވަނީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. ރައީސް މައުމޫން އާއި ނަދީމް ހައްޔަރުކޮށްފައިވާ އިރު ފުލުހުން އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ