ސަރުކާރުން ކަރަންޓުގެ އަގު ހެޔޮކޮށްފި

މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގެ ކަރަންޓުގެ އަގަށް ގެނައި ބަދަލު މޯލްޑިވްސް އެނަރޖީ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.
އެނާޖީ އޮތޯރިޓީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރު ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓުގެ އަގަށް ލުއިދެވޭނެ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ.
އެގޮތުން ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭ އަގަށް ބެލުމަށްފަހު ކަރަންޓުގެ އަގަށް ލުއި ދެވޭނެ އުސޫލެއް ކަނޑައަޅައިފައިވާނެ ކަމަށެވެ. އެގޮތުން ތެލުގެ ސާ ޖާޗު ނަގާގޮތަށް ހަމަޖެހިފައިވަނީ ކަރަންޓު ޚިދުމަތްދޭ ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭއަގު 8 ރުފިޔާއަށްވުރެ ބޮޑުވުމުންނެވެ. ކުންފުނިތަކަށް ތެޔޮގަންނަން މިހާރު ލިބޭ ރޭއްޓެއް ކަމަށް އެނަރޖީ އޮތޯރިޓީން ބަލާފައިވަނީ 7.05 ރުފިޔާއެވެ.
ތެޔޮ ގަންނަ އަގު 8 ރުފިޔާއަށްވުރެ ބޮޑުވުމުން ތެލުގެ ސާޖާޖު ނަގާނީ ކޮންމެ ދިހަ ލާރިއަކަށް ތިން ލާރި ކަމަށްވެސް އޮތޯރިޓީން ބުނެފައިވެއެވެ. ކަރަންޓަށް މިއަދު ގެނައި ބަދަލަށް ބަލާއިރު ޖުމްލަކޮށް އަގުހެޔޮކޮށްފައިވަނީ ދަށް ބޭންޑްތަކުންނެވެ.
ކުރިން ނަގަން ނިންމާފައިވާ އަގުތަކަށް ބަލާއިރު މަތީ ބޭންޑުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ.
މިއަދު އިއުލާންކުރި އަގުތަކަށް ބަލާއިރު މާލެ، ވިލިގިލި، ހުޅުމާލެ ފިޔަވައި އެހެން ރަށްރަށަށްވަނީ އެއް ރޭޓެއް ހަމަޖައްސާފައެވެ. އެގޮތުން 100 ޔުނިޓަށްވުރެ ދަށްނަމަ ނެގުމަށް ހަމަޖެހިފައޮވަނީ 2.20 ރުފިޔާއެވެ. 100 ޔުނިޓާއި 200 ޔުނިޓާ ދެމެދު ނަގަން ހަމަޖައްސާފައިވަނީ 2.75 ރުފިޔާއެވެ. 300 ޔުނިޓަށްވުރެ މަތިނަމަ 3.40 ރުފިޔާއެވެ.
މާލޭ ސަރަަހައްދުން ސުމަކުން ފެށިގެން 100 ޔުނިޓާ ހަމައަށް ނެގުމަށް ހަމަޖެހިފައިވަނީ 1.50 ރުފިޔާއެވެ. 101 ޔުނިޓުން 200 ޔުނިޓާ ހަމައަށް ނެގުމަށް ޖަމަޖެހިފައިވަނީ 1.70 ރުފިޔާއެވެ. 201 ޔުނިޓުން 300 ޔުނިޓަށް ނެގުމަށް ހަމަޖެހިފައިވަނީ 2.15 ރުފިޔާއެވެ. 301 ޔުނިޓުން 400 ޔުނިޓަށް ނެގުމަށް ހަމަޖެހިފައިވަނީ 2.50 ރުފިހާއެވެ. 401 ޔުނިޓުން 500 ޔުނިޓަށް ނަގާނީ 2.95 ރުފިޔާއެވެ. 501 ޔުނިޓުން 600 ޔުނިޓަށް ނަގާނީ 3.55 ރުފިޔާއެވެ. 601 ޔުނިޓުން މައްޗަށް ނަގާނީ 4.25 ރުފިޔާއެވެ. އެއީ ކުރުންވެސް އޮތް އެގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ