ރައީސް ޔާމީން ވަށައިގެން ވިއްދާފައިހުރި ބާރުގަދަ ހުރިހާ "ކަޑަތަކެއް" މިހާރުވަނީ "ނެއްޓިފައި" ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"މިއަދު" ނޫހަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ރައީސް ޔާމީން ދިފާއުކުރުމަށް އެންމެފަހުން ހުންނެވި ރައީސް މައުމޫންވެސް މިހާރުވަނީ ދުރަށް ވަޑައިގެންފައި ކަމަށެވެ. އެހިސާބުން ޔާމީންގެ އެއްވެސް އަމިއްލަފުޅު ބާރެއް މިހާރުނެތް ކަމަށް އުމަރު ވިދާޅުވިއެވެ. "މަޖިލިސް މެންބަރުން ތިއްބެވީ ޔާމީން އަރިހުގައި. އެކަމަކު އެމެންބަރުން އިންތިޚާބުކުރި ރައްޔިތުންތިބީ އެހެން ދިމާއެއްގައި،" އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ ކުރިއަށްއޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރައްވަން ނިންމަވައި ކެންޕޭންވެސް ފައްޓަވައިފައެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ހޯމްމިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އުމަރު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރަކީ ރާއްޖޭގައި ގާއިމްކުރެވުނު އެންމެ ކޮރަޕްޓް ސަރުކާރު ކަމަށެވެ. އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓުންވެސް އެކަން ފެންނަން އެބައޮތް ކަމަށް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. 2013 ވަނައަހަރުވެސް އުމަރުވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރައްވައިފައެވެ.
އެފަހަރުގެ ޕްރައިމަރީ ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓް ހޯއްދެވީ ރައީސް ޔާމީނެވެ. އެއަށްފަހު ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވައި ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށްފަހު އުމަރަށް ވަނީ ހޯމްމިނިސްޓަރުކަން ދެއްވާފައެވެ. އެމަގާމުން އުމަރު އިސްތިއުފާ ދެއްވީ ރައީސް ޔާމީނާ ޚިޔާލު ތަފާތު ވެގެން ކަމަށް އުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވަށައިގެން ވިއްދާފައިހުރި ހުރިހާ ކަޑަތަކެއް ނެއްޓިއްޖެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ