މޫސުން ގޯސްވެ، ކަނޑުމަތީގެ އިތުރު ހާދިސާތައް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކަނޑުމަތީގެ ހާދިސާތަކެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން، މާލެއިން ފުރައިގެން އިންޑިޔާއަށް ދަތުރުކުރަމުންދިޔަ ބާޖެއްގެ ވައު ކަނޑައިގެން ގޮސް އޮޔާދާކަމުގެ މައުލޫމާތު އިއްޔެ ލިބުނުކަމަށެވެ. ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނަ މިބާޖު އޮޔާގޮސްފައިވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރަށެވެ. އަދި ބާޖު ހޯދުމުގެ މަސައްކަތްވެސް އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެއިތުރުން ބ.އޭދަފުށީގެ 10 ނޯޓިކަލް މޭލު ބޭރުން 130 މީހުންނާއެކު ރ. ދުވާފަރަށް ދަތުރުކުރަމުންދިޔަ "ސަމަންދަރު" ނަމަކަށް ކިޔާ ބޯޓެއް ދިޔަވަމުންދިޔަކަމުގެ ޙަބަރުވެސް ރިޕޯޓް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 8:45 ހާއިރު އެއުޅަނދުގެ ހާލަތު ކޮންޓްރޯލްކޮށް ރ.ދުވާފަރަށް އުޅަނދު ވައްދާފައިވާކަމަށެވެ.
ކަނޑުގަދަވުމާއި ގުޅިގެން މިދިޔަ 24 ގަޑިއިރު ތެރޭ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިބެހޭ އިދާރާއިން ދީފައިވާ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބެލުމަށްފަހު ނޫނީ ދަތުރުނުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ