ކާޑެއްދޫ އެއާޕޯޓް ހާސްގުނަ ފެންވަރު ރަނގަޅުވާނެ: ގާސިމް

ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު ހުވަދު އަތޮޅަށް މިހާރަށް ވުރެ ގިނަ ފުރުސަތުތައް ފަހިވެ މިހާރަށް ވުރެ "ހާސްގުނަ" ފެންވަރު ރަނގަޅު އެއާޕޯޓެއްގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގުމާ އިއްޔެ އަލުން ހަވާލުވެ، ކާޑެއްދޫ އަށް އިއްޔެ ވަޑައިގެން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް އަލުން ހަވާލުކުރީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ގާސިމް ވިދާޅުވީ މުސްތަގުބަލްގައި ހުވަދު އަތޮޅުގެ ރައްޔިތުން އަތޮޅަށް ދަތުރުކުރުމަށާއި އަތޮޅުގެ ތަރައްގީގެ ކަންކަމުގައި ސަރަހައްދުގެ އެހެން އެއާޕޯޓްތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރަށް ވުރެ ''ތައުޒަންޑް ޓައިމްސް ބެޓާ' އެއާޕޯޓަކަށް ކާޑެއްދޫ އެއާޕޯޓު ހަދާނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިމޭއިރު އެތަނުގައި ސީޕްލޭންގެ ހިދުމަތް ވެސް ފެށޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގައި ވަކިން ހާއްސަކޮށް ހުވަދު އަތޮޅުގެ ފަތުރުވެރިކަން ފުޅާކުރަން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ގާސިމް އާއި ވިލާ އެއާގެ އިސްވެރިންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް އިސްވެރިން އިއްޔެ ކާޑެއްދޫ އަށް ވަޑައިގެން އެތަނުގެ މިހާރުގެ ހާލަތު ވެސް ބައްލަވާލެއްވި އެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މީގެކުރިން އަވަސް އަށް ވިދާޅުވީ ވިލާ އެއާ އިން ސަރުކާރަށް ހުށަހަޅާފައިވަނީ އެއާޕޯޓް ހަވާލުކުރާތާ ހަތް އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ކަމަަށެވެ. އެ މަސައްކަތް ވިލާ އެއާގެ ހަރަދުގައި ކުރާއިރު އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާނުލައި ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ކަމަށާއި ވިލާ އެއާގައި އެ ގާބިލްކަން ހުންނާނެ ކަމަށެވެ. ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތަކަށްވީ ނަމަވެސް އެ ރަށް ހިއްކާ، އާ ރަންވޭ އަޅައި، އާ ޓާމިނަލެއް ހެދުމަށްފަހު ޕަސެންޖަރުންނަށް ފުރިހަމަ ހިދުމަތެއް ދޭ އެއާޕޯޓަކަށް، ކާޑެއްދޫ އެއާޕޯޓް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ނާޝިދު ވެސް ދެއްވެވި އެވެ.
"އަޅުގަނޑުމެން ނޭދޭ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުންވީ ގޮތް ކާޑެއްދޫ އެއާޕޯޓަށް ވާކަށް. މާނައަކީ އެއާޕޯޓް ތަރައްގީއާ އެކު އެ ސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރުވާނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް ފެންނަ ހިޔާލުތައް އަޅުގަނޑުމެން ވެސް ސަރުކާރާ ހިއްސާކުރާނަން. ކާޑެއްދޫ ސަރަަހައްދުގައި މިވަގުތު ހުރީ 1800 ބެޑް ކެޕޭސިޓީ،" ނާޝިދު ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ. ނަމަވެސް ސަރުކާރާއި ވިލާ އެއާއާ މަޝްވަރާކޮށްގެން ވިލާ އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ދިނުމަށް އެއްބަސްވެފައިވާތީ ބަދަލު ހޯދަން ދައުވާ ނުކުރަން ވިލާ އިން ވަނީ ނިންމާފަ އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރު އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައިވަނިކޮށް ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ އަވަސް އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރީ ކުރީގެ އެއްބަސްވުމުގައިވާ ގޮތަށް ކަމަށެވެ. އެގޮތުން ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގާނެތީވެ އެހެން ފަރާތްތަކަށްވެސް ދޫކުރާ އުސޫލެއް ރަށެއް ނުވަތަ ފަޅެއް ލިބޭނެ ކަމަށެވެ. އެއާޕޯޓް ހަވާލުކޮށްފައިވަނީ ކުރިންވެސް ދީފައިވާ 50 އަހަރުގެ މުއްދަތަށް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމުގެ މައިގަނޑު އޮންނާނީ ހަމަކުރިން ވެސް އޮތް ގޮތަށް. އެއާޕޯޓް ހިންގަން އެއްބަސްވުމުގައިވާ މުއްދަތު ވެސް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ