ނަޝީދު ފިޔަވާ ލަންކާއަށް ގޮތެއް ހޯދައިދޭން އުޅޭ މީހަކު ނެތް

އަވަށްޓެރި ސްރީލަންކާ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ތައުރީފް ކުރައްވައިފި އެވެ.
މޫސަ މިހެން ވިދާޅުވެފައިމިވަނީ ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ އަށް ރާއްޖެ އިން ހިމާޔަތް ދިނުމުގައި ނަޝީދު އިސް ދައުރެއް އަދާކުރެއްވި ކަމަށް ބުނެ އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ލަންކާ އަދި ދިވެހި ރައްޔިތުންގެ ފަރާތުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ލަންކާ އިން ފިއްލަވައިގެން ގޮޓާބަޔާ ރާއްޖެ ވަޑައިގެންނެވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށްވާއިރު، އެވަގުތު ނަޝީދު ވެސް އެއާޕޯޓުން ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އަދި މިރޭގެ ވަގުތެއްގައި ގޮޓާބަޔާ ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަޝީދަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މޫސަ ވިދާޅުވީ ނަޝީދާއި ހިޔާލުތަފާތުވި ނަމަވެސް ލަންކާ ރައްޔިތުން ހާލުގައި އުޅޭތައް އެތަށް ދުވަހެއްވީއިރު ވެސް ނަޝީދު ފިޔަވާ ރާއްޖޭގެ ސިޔާސީ މީހުން ލަންކާ އަށް ހެޔޮ އެދެނީ އަލިފާނަށް ދަރު އަޅާ އުސޫލުން ކަމަށެވެ.
"ނަޝީދު ފިޔަވާ މި ގައުމުގައި އެކަކު ވެސް ލަންކާ އަށް ގޮތެއް ހޯދައިދޭން ނޫޅޭ." މޫސަ ވިދާޅުވި އެވެ.
ލަންކާ މިހާރު އޮތް ބޮޑުދަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމާ ގުޅޭ ގޮތުން ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ މަޝްވަރާކޮށް، އެހީ ހޯދުމުގެ މަސައްކަތް ލަންކާ އިން ނަޝީދާ ރަސްމީކޮށް މިދިޔަ މޭ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ. އެގޮތަށް ނިންމެވީ ރަނިލް އާއި ނަޝީދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން ނަޝީދު އަމިއްލަފުޅަށް ހުށަހެޅުއްވުމުންނެވެ.
ލަންކާ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން އަންނަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މުޒާހަރާތަކާ ގުޅިގެން މަގާމުން މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ގޮޓަބަޔާ މީގެކުރިން އިއުލާންކުރެއްވި ނަމަވެސް މިހާތަނަށް އޭނާ އިސްތިއުފާ ހުށަހަޅުއްވާފައެއް ނުވެ އެވެ.
މަގާމުން އިސްތިއުފާ ނުދެއްވި ނަމަވެސް ރައީސްކަމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ގޮޓާބަޔާ ވަނީ ބޮޑުވަޒީރު ރަނިލްއާ މިއަދު ހަވާލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ