ނޫސްވެރިކަމުގައި އަންހެނުން: ޒަމާނެއްގައި ބީރައްޓެހި، މިއަދު ދާއިރާގެ ރަނިން!

ކުރަން ހިތުލައިފިނަމަ އަންހެނަކަސް ނުކުރެވޭނެ ކަމެއް ނޯންނާނެއޭ ބުނާ އަޑު އަހަމެވެ. އެއްވެސް ދާއިރާއެއްގައި އަންހެނުންނަށް ފުރުސަތު ނެތް ކަމަށް ނޫނީ ހުރަސްތަކާއި ކުރިމަތިވާ ކަމަށް ބުނާ އަޑުވެސް އަހަމެވެ. ނަމަވެސް އަދުގެ ދުނިޔޭގައި ޖިންސީ ތަފާތުކުރުންތައް ނައްތާލައި ވަޒީފާގެ މައިދާނުގައި އަންހެނުން އަންނަނީ ފިރިހެނުންނާއި ފައިހަމަކުރަމުންނެވެ.
ރާއްޖޭގެ މަސައްކަތްތެރިކަމާއި ވަޒީފާގެ މާހައުލު ކުރިން ބަށްޓަންވެފައި އޮތްގޮތުން އަންހެނުންނަށް ކުރެވޭނީ ވަކި ކަހަލަ މަސައްކަތެއް ކަމަށް ބެލެވިފައިވެއެވެ. ވަޒީފާގެ މާހައުލުގައި އަންހެނުން ގިނައިން ފެނިފައިވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއިންނެވެ.
ނަމަވެސް މިއަދު ސަރުކާރު މުވައްޒިފުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންނާއި އަމިއްލަ ވިޔަފާރި ހިންގާ ކޮޅަށް ޖެހުމުގައްޔާއި ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ސިޔާސީ ގޮތުންނާއި، އިޖުތިމާއި އަދި ވިޔަފާރީގެ ދާއިރާއަށް ބެލިނަމަވެސް އަންހެނުންގެ ދައުރު ފާހަގަނުކޮށްދޫކޮށްލެވޭ ވަރަށް ވުރެ ބޮޑެވެ.
މިގޮތުން ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ނަޒަރު ހިންގައި ބަލައިލިޔަސް ފިރިހެނަކަށް ދޫކުރާނެ އަންހެން ނޫސްވެރިއަކު ނެތެވެ. ނޫސްވެރިކަމުގެ 75 އަހަރުގެ ތާރީޙެއް ދިވެހިރާއްޖޭގައި އޮތް ނަމަވެސް، ނޫސްވެރިކަމުގައި "އަންހެނުންގެ އުމުރު" ހަގެވެ. ޕްރެޒެންޓަރުންގެ ގޮތުގައި ގިނަ އަދަދަކަށް އަންހެނުން މަސައްކަތް ކުރަމުން ދިޔަކަމުގައި ވިޔަސް، ނޫސްވެރިންގެ ގޮތުގައި އަންހެނުން މަސައްކަތްކުރަން ފަށާފައިވަނީ 1990 ގެ ތެރޭގައެވެ.
އެހެން ދާއިރާތަކެކޭ އެއްފަދައިން ނޫސްވެރިކަންވެސް ކުރިއަރަމުން އައިސް ތަފާތު މީޑިއަމްތައް އުފެދިފައިވާއިރު، ދިވެހި ނޫސްވެރިކަމުގެ ރަނިކަން ކުރާ ބަޔަކީ ކަނބަލުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަންހެނުންނަކީ ހަމައެކަނި ޚަބަރު ކިޔަންތިބޭ ބަޔެއްގެ ގޮތުގައި މަދު ބަޔަކު ސިފަކުރަމުން އައިކަމުގައި ވީނަމަވެސް، ނޫސް ލިޔުމާއި، އިދާރީ މަސައްކަތްތަކުގައި އަންހެނުން މިއަދު މިވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އިންޓަނެޓާއެކު ދުނިޔެއަށް އައިސްފައިވާ މައުލޫމާތުގެ އިންގިލާބުގެ ތެރެއިން އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހި ނޫސްވެރިކަންވެސް ޒަމާނީ ހަރުފަތް ގިރާކޮށްފައިވާިއރު، ނޫސްވެރިކަމުގެ ތެރެއިން ތަފާތު މައްސަލަތަކަށް ލިޔެ، ކަންކަން އިސްލާހުކުރުމުގައި ގަލަމުގެ ނުފޫޒުގަދަ އަންހެން ނޫސްވެރިން ގުނާލެވެއެވެ.
ދިވެހި ނޫސްވެރިކަމުގެ މުއައްސިސުންގެ ތެރެއިން އައްނަބީލާ އާމިނަތު ހުސެއިނަކީ ނޫސްވެރިކަމުގެ ތާރީޚުގައި ނޫސްވެރިއަކަށް އަދި ލިޔުންތެރިއަކަށް ވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއެވެ. މި ލިޔުމުގައި އެކަމަނާގެ ނަންފުޅު ނުހިމަނައި ފުރިހަމަ ނުވީހެވެ. އެކަމަނާ ވަނީ 1943 ވަނަ އަހަރު ނުކުތް ރާއްޖޭގެ ފުރަތަމަ ނޫސް "ސަރުކާރުގެ ޚަބަރު"ން ފެށިގެން "އައްރަފީޤު"، "ވިޔަފާރި މިއަދު" އަދި "މޫންލައިޓް" ފަދަ އެތައް ނޫސް މަޖައްލާއަކަށް ލިޔުއްވާފައެވެ. ނޫސްވެރިކަމުގެ ރޮނގުން ކުރައްވާފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސުކަމުގެ ހަނދާނީ ލިޔުން އެކަމަނާއަށް އަރުވާފައެވެ.
ރާއްޖޭގެ މީޑިއާ ޕްލެޓްފޯމްތަކުން އުފެދިގެން އައި އަންހެނުން މިއަދު ހަރަކާތްތެރިވަމުންދަނީ މި ދާއިރާގެ އެންމެ އުހުގައެވެ. ޚުދު ރާއްޖޭގެ ބްރޯޑްކާސްޓީން ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އަންހެން ބޭފުޅުންގެ އަދަދު ގިނައިރު، އެކޮމިޝަންގެ ރައީސްކަން މިއަދު ކުރައްވަމުން ގެންދަވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާ މަރިޔަމް ވަހީދާއެވެ. މީގެއިތުރުން، މި ކޮމިޝަންގެ މެމްބަރެއް ކަމުގައިވާ ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އަކީ ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާ ނޫސްވެރިކަމުން މާސްޓާސް ޑިގްރީ ހާސިލްކޮށް އަދި ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު ހާސިލްކުރައްވައިފައިވާ ކަނބަލެކެވެ.
.
"ވީ މީޑިއާ" އިން މި ދާއިރާއަށް ނުކުތް ޝިފްޒާ މުސްތަފާއަކީ ވެސް ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ވީޓީވީގައި އިސްކޮށް މަސައްކަތް ކުރި ޝިފްޒާ އަކީ މޮޅު ނޫސްވެރިއެއްގެ އިތުރުން ކުޅަދާނަ ޕްރެޒެންޓަރެއްވެސް މެއެވެ. ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ ގިނަ ކުދިން އޭނާ ތަމްރީނުކޮށްފައިވާއިރު، މީޑިއާ ކައުންސިލާއި ނެޝަނަލް ޔޫތު ކައުންސިލްގެ މެމްބަރުކަން ވެސް ޝިފްޒާ ކޮށްފައިވެއެވެ.
މިއަދު ރާއްޖޭގައި އަމިއްލަ ނޫސްތަކުގެ ވެރިންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނުން އަންނަނީ އިތުރުވަމުންނެވެ. ނިއުސްރޫމްތަކުގެ ބޮޑެތި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލަމުން ދާ އަންހެނުން މަދެއްނޫނެވެ. ޒަމާނެއްގައި އަންހެނުންނާއި "ބީރައްޓެހި" ދާއިރާއެއްގެ ހިންގުމާ މިއަދު ހަވާލުވެ ތިބީ އަންހެނުންނެވެ. ނޫސްވެރިކަމުގައި އަންހެނުންގެ އުމުރު "ހަގު" ކަމުގައި ވީނަމަވެސް މި ހަގު އުމުރުގައި އަންހެނުން ހޯދާފައިވާ ކާމިޔާބީ އަށް އައްސަރިބަހާ ސާބަސް ހައްގެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އަންހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކޮށް، ގައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބާރުއަޅައި، އަންހެނުންނާމެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، ފަރުދީ އަދި ގައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުން މުހިންމެވެ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިމިވަނީ އަންހެނުންނަށް ގިނަ ދާއިރާތަކުގެ އެކި މަރުހަލާތަކުގައި ގިރާ ކުރަންޖެހޭ އުސް އޮޅިތައް ނައްތާލާފައިވާ މަންޒަރެވެ. ހަގީގަތުގައިވެސް ކުރަން ހިތުލައިފިނަމަ އަންހެނަކަސް ނުކުރެވޭނެ ކަމެއް ނޯންނާނެކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ