ކޮވިޑް-19: އަވަހަށް ލީގު ފެށުމާ ސްޕެއިން ސަރުކާރު ދެކޮޅު

މެޑްރިޑް (އޭޕްރީލް 27) - ކޮވިޑް-19 ފެތުރޭތީވެ މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގެ ކުޅުން ކައިރި މުސްތަގުބަލެއްގައި ފަށަން ހުއްދަ ދޭން ސްޕެއިނުގެ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ޗައިނާ އިން ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ނުރައްކާ ޔޫރަޕަށް ބޮޑުވާން ފެށުމާ އެކު އޭގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމަކީ ސްޕެއިނެވެ. ސްޕެއިނުގެ ލީގުގެ ކުޅުން މެދުކަނޑާލީ މާޗް މަހުގެ 12 ވަނަ ދުވަހުގަ އެވެ. ސްޕެއިނުގައި މިހާތަނަށް ކޮވިޑް-19 އަށް ދެ ލައްކަ އަށް ވުރެން ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ގައުމުން 23،000 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ސްޕެނިޝް ލީގު (ލަލީގާ) ރާވާ އެލްއެފްޕީގެ ރައީސް ހަވިއޭ ޓޭބަސް ދާދި ފަހުން ސްޕެއިނުގެ މީޑިއަކަށް ދިން އިންޓަވިއުއެއްގައި ވަނީ ލީގުގެ ކުޅުން މެއި މަހު ފަހުކޮޅު ނޫނީ ޖޫން މަހުގެ ކުރީކޮޅުގައި ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަޝްވަރާތައް ސަރުކާރާ އެކު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ސްޕެއިނުގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަވަހަށް ލީގު ފެށޭނެ ފުރުސަތެއް އަދި ނެތެވެ.
"ޔަގީންކަމާ އެކު ފުޓްބޯޅަ ވެސް މީހުން އެއްވެ އުޅޭ ގޮތަށް ރާވާ އެއްވެސް ހަރަކާތެއް އޮންނާނެ ކަމަށް ނުބެލެވޭ. މި ތޫފާނުން އަދި އަހަރެމެންނަށް ކުޑަ ކުރިއެރުމެއް ލިބުނީ. ސަލާމަތުގެ ޔަގީންކަމެއް ފެނުނީމަ ދެން ހުރި ކަންކަމާ މެދު ވިސްނެން އޮތީ،" ތަރުޖަމާނާ ހަވާލާދީ ސްޕެއިން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ލަލީގާގެ ކްލަބްތަކުން ފެށޭ މަހު ކުރީކޮޅުގައި ޕްރެކްޓިސްތައް ފަށަން ތާވަލުކޮށްފައިވާއިރު، ޓީމުތަކުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެލްއެފްޕީން ވަނީ އަންގައިފަ އެވެ. ލިބެން އޮތް ފުރުސަތެއްގެ ބޭނުންހިފައި ވީ އެންމެ ގިނަ ބަޔަކު ޓެސްޓްކުރުމުގެ ހިޔާލަށް ސްޕެއިނުގެ ސަރުކާރުން ވެސް ތާއީދުކުރެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ކުރިއަށް ދެވޭނެ ގޮތެއް ނެތިގެން ބެލްޖިއަމާއި ނެދަލެންޑްސް އަދި ސްކޮޓްލެންޑުން އަންނަނީ ޔުއެފާއާ މަޝްވަރާކުރުމަށް ފަހު ފުޓްބޯޅަ ސީޒަން ނިންމާލަން އަމާޒުހިފައިފަ އެވެ. ބެލްޖިއަމުން ލީގުގެ އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ތަށި ދޭ ގޮތަށް ނިންމި ނަމަވެސް ނެދަލެންޑްސްގެ ލީގު ނިންމާލީ ޗެމްޕިއަނެއް ކަނޑަނާޅަ އެވެ. ނެދަލެންޑްސް ފުޓްބޯޅަ ސީޒަން ނިންމާލީ އެ ގައުމުގެ ސަރުކާރުން މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އެއްވެސް އިވެންޓެއް ސެޕްޓެމްބަރުގެ ކުރިން ނުބޭއްވޭނެކަމަށް އެންގުމުންނެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ވިސްނުން ހުރީ ފުޓްބޯޅަ ސީޒަން ފުރިހަމަކުރާށެވެ. އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެލްއެފްޕީން ވަނީ ޔުއެފާ އަށް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ