ސަރުކާރު ކުންފުނިތަކުގެ އެމްޑީން އައްޔަންކުރުމުގެ ބާރު މަޖިލީހަށްދޭން ހުށަހެޅި އިސްލާހު ތަޅުމުން ބޭރުކޮށްލައިފި

ސަރުކާރުން އުފައްދާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި އެ އިސްލާހް މަޖިލީހަށް ބަލައިގަނެ ކުރިއަށްގެންދަން ފެނޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން، އެ އިސްލާހު ބޭރުކޮށްލާފައި ވަނީ، ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 49 މެންބަރުން އިސްލާހާ ދެކޮޅަށް ވޯޓު ދެއްވައިގެންނެވެ. އިސްލާހް ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 16 މެންބަރުންނެވެ.
އެ އިސްލާހަށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އިސްލާހު ގެނައުމަށް ދެކޮޅު ހައްދަވައިފަ އެވެ. ސަރުކާރާ ދެކޮޅު ބައެއް މެންބަރުން ވެސް ވިދާޅުވީ އެފަދަ އިސްލާހެއް ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ އިސްލާހްތައް ހުށަހަޅަން ޖެހެނީ، ސަރުކާރުން ހުދުމުހުތާރު ގޮތެއްގައި ކުންފުނިތަކުގެ މަސައްކަތްތައް ކުރިއަށްގެންދާތީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވީ، އެ އިސްލާހަކީ ސަރުކާރުގެ ހިންގުން ހުއްޓުމަކަށް ގެނައުމަށް ބަޔަކު ރާވައިގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެކަމުގައި ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ފަރާތްތަކުގެ އަތެއްވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ