1500އަށް ވުރެ ގިނަ މީހުން ބައިވެރިވާ "ރާވެރިބޭގެ ޖިހާދުގެ ފެތުން" މާދަމާ ހަވީރު

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރައިވެރިބޭގެ ޖިހާދުގެ ފެތުން" މި ނަމުގައި ވިލިމާލެ އާއި މާލެ އާއި ދެމެދު ބޭއްވުމަށް ހަަމަޖެހިފައިވާ ފެތުމުގެ ހަރަކާތުގައި 1500 އަށް ވުރެ ގިނަ މީހުން މިހާރުވެސް ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނީ، މި ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ކަމަށެވެ. އަދި މިހަރަކާތުގައި ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ހޯމްމިނިސްޓްރީން މައުލޫމާތު ދެއެވެ.
ރައިވެރި ބެޔަކީ އަލިރަސްގެފާނުގެ ޖިހާދުގައި ބައިވެރިވުމަށް ވިލިމާލެއާއި މާލެއާއި ދެމެދުގައިވާ ކަނޑު ހުރަސްކޮށް ފަތާފައި އައި ބޭފުޅެކެވެ. "ރައިވެރިބޭގެ ޖިހާދުގެ ފެތުން" ނަމުގައި ހާއްސަ ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމީ އަލިރަސްގެފާނުގެ ޖިހާދުގައި ބައިވެރިވި ހިތްވަރު ގަދަ އެފަދަ އަބްތޯލުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ކަަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ހޯމް މިނިސްޓްރީން ބުނީ، ފެތުން ކުރިއަށް ދާނީ މާދަމާ 3:30 އިން 5:30 އަށް ކަމަށެވެ. އަދި ފެތުން ކުރި އަށް ދާ އިރު، ވިލިމާލެ އާއި މާލޭގައި ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީ އިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް އެންވައިރަމަންޓް މިނިސްޓްރީ އިން މިހާރު ގެންދަނީ ކުރަމުންނެވެ.
ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ހުރިހާ އުމުރު ފުރާތަކަށް އަމިއްލަ ގޮތުން ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި ރިސޯޓުތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކަށްވެސް މިހާރު ވަނީ ބައިވެރި ވެފައެވެ. އަދި މި ހަރާކާތުގައި ސޭފްޓީ ކަންތައްތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޮސްޓްގާޑް އާއި ޕޮލިހާއި ސްވިމިން އެސޯސިއޭޝަނާއި ޑައިވިން އެސޯސިއޭޝަންގެ އިތުރުން ރެޑް ކްރެސެންޓާއި ދަރުމަޔަށް މަސައްކަތްކުރާ ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމަށް ވެސް ހޯމްމިނިސްޓްރީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ