އަނިޔާއާ ދެކޮޅަށް މުޒާހަރާ ނުކުރާނަމަ އުމަރު ހުންނަވާނީ ޖަލުގައި: އިމްރާން

އަނިޔާ އާއި ދެކޮޅަށް ރައްޔިތުން މުޒާހަރާ ނުކުރާނަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މިހާރު އިންނަވާނީ ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާ އާއި ދެކޮޅަށް ރައްޔިތުން މުޒާހަރާ ނުކުރާނަމަ މިނިސްޓަރު އުމަރު ނަސީރު މިހާރު އިންނަވާނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަދައިން ޖަލުގައި ކަމަށެވެ.
އިމްރާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާ ނުކުރާނަމަ ނާޒިމްގެ ގެއިން ނެގުނު ކަމަށް ބުނާ ޕެންޑްރައިވްގައި ހިމެނޭ އެންމެން މިހާރު ތިބޭނީ ޖަލުގައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގައިވެސް އިމްރާން ވަނީ އެގޮތަށް ވާހަކަދައްކަވާފަ އެވެ. ސަރުކާރުގެ އަނިޔާވެރިކަން ކޮންމެވެސް ވަރަަކަށް މަޑުޖެހިފައިވަނީ އިދިކޮޅު ފަރާތްތަކުން އަނިޔާއާ ދެކޮޅަށް ތެދުވުމުން ކަމުގައިވެސް އިމްރާން ރޭ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދުނުކުރުމަށް އަދާލަތު ޕާޓީން ނިންމުމާއެކު އިމްރާން ގެންދަވަނީ އޭނާ އިސްވެ ހުންނަވައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިގެން "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި ސިލްސިލާކޮށް މުޒާހަރާތައް ކުރަމުންނެވެ.
އިދިކޮޅު ފަރަތާތްތަކުން ބޭއްވި މުޒާހަރާއެއްގައި އިމްރާން ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުންނަވަނީ ރައީސް ޔާމީން ފަދަ ބޭފުޅުންގެ ހަށިގަނޑުގައި ހިނގާ ވައްތަރުގެ ލޭ ނޫން ކަމަށާއި އެހެންކަމުން އުމަރު ހުންނަވަން ވާނީ އިދިކޮޅު ފަރާތްތަކާ އެއް ސަފެއްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ