މާލޭ ރައްޔިތުން ވޯޓު ދިނީ ފުދުންތެރި ދިރިއުޅުމަކަށް: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރަށް މާލޭގެ ރައްޔިތުން ވޯޓު ދިނީ ފުދުއްތެރި ދިރިއުޅުމެއް ބޭނުންވާތީ ކަމަށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުކޮށްފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އުފާފާޅުކުރުމަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލެއަށް އިންތިހާބުވި ކައުންސިލަރުންނާއި، އަތޮޅު ތެރޭގެ ރަށްތަކުގައި އިންތިހާބުވި ޕީޕީއެމްގެ ކައުންސިލަރުން މަސައްކަތް ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކުވައިދިން މަގުން ކަމަށެވެ.
ރައީސް ޔާމީން ދަސްކޮށްދެއްވީ ގައުމީ، ދީނީ އަދި ތަރައްގީގެ ފިކުރުގައި ކުރިއަށް ދިއުމަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. މާލޭގެ ރައްޔިތުން އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނީ މިސަރުކާރުގެ މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުން ބޭނުންވި ކަންކަން، ވަކިން ހާއްސަކޮށް ބޯހިޔާވަހިކަން ހޯދައިނުދިނުމުން ކަމުގައި ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި، ދީނީ ކަންކަން ކުރިއަށްދާ ގޮތާއި، ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުން މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ކެމްޕޭންގެ ތެރޭގައި ފާހަގަކުރެވުނު ކަމަށެވެ. މާލޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި ފުދުއްތެރިކަމާއި ބޯހިޔާވަހިކަމެއް ކަމަށާއި އެ މަގަށް ޕީޕީއެމްގެ އިންތިހާބީ ކައުންސިލަރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ ދެއްވާފަ އެވެ.
"ތަރައްގީ ގެނެސްދޭނެ ފިކުރުގެ މީހުންނަށް މާލޭގެ ރައްޔިތުން މިފަހަރު ވޯޓު މިދިނީ. ރައީސް ޔާމީންގެ ފިކުުރުގެ މީހުންނަށް ވޯޓު މިދިނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގައި ގިނަ ރައްޔިތުން ތަކެއް ވަރަށް އުދަގޫ ދަތިހާލެއްގައި އުޅެމުންދާ ކަމަށެވެ. އެކަމަށް ހައްލުތަކެއް ހޯދައިދިނުމަށް އުއްމީދީ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި އާންމުކޮށް ވިދާޅުވަމުން ގެންދަވާ ބަސްފުޅު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ