އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް: ގާސިމް

ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ދިފާއު ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވާހަކަ ދައްކަވައިފިއެވެ.ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ގާސިމް ވަނީ އީސަ އާއި ދަރިފުޅު ލޫތު އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ފޮޓޯއާ ގުޅިގެން ގާސިމް ވިދާޅުވެފައި ވަނީ އެއީ އީސަގެ ފޯނުގެ ސްކްރީނުން ފެންނަ ފޮޓޯ ކަމަށެވެ. އަދި "އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި" ކަމަށް އެ މެސުގައި ގާސިމް ވިދާޅުވެފައިވެ އެވެ."އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް. (އަދި ފިރިހެނުން ވެސް) ވީމާ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ދެކެން،" ގާސިމް ވިދާޅުވެފައިވެ އެވެ.ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން އަންނަނީ ގާސިމް އެފަދައިން ވިދާޅުނުވާ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން ވަނީ އެ މެސްޖުތަކަކީ ގާސިމް ފޮނުއްވާފައިވާ މެސެޖުތަކެއް ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.ގާސިމް އިތުރަށް ވިދާޅުވީ ގެވެށި އަނިޔާގެ ގާނޫނަކީ ވެސް "ހައްދެއް ނެތް މިންވަރަށް" އަންހެނުން ހިމާޔަތްކުރާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ.އީސަގެ ދިފާއުގައި ގާސިމް ކުރެއްވި މެސެޖް އާންމުވެފައިވާއިރު މެސެޖްގައި ބޭނުންކޮށްފައިވާ ބައެއް އިބާރާތްތަކާމެދު އާންމުންގެ ފާޑުކިޔުން ގާސިމަށް ވަނީ އަމާޒުވެފައެވެ.އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ހިމެނެ އެވެ.އީސަ އާއި އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް ދިރިއުޅުއްވި އެޕާޓްމަންޓް ތެރެއިން އަނިޔާގެ އަޑު އަވައްޓެރިންނަށް ވެސް އިވިފައި ވާއިރު އެ ހާދިސާ އަށް ފަހު، އަސްރާ ޑޮކްޓަަރަށް ވެސް ދައްކަން ދިޔަ ކަމަށްވެ އެެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރިއިރު އެ ކުއްޖާއަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ އަސަރުކޮށްފައިވާ ކަމަށް ވެ އެވެ.މަޖިލީހުގެ ލެޓާ ހެޑްގައި އީސަ މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮމިޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ.އޭނާ ވިދާޅުވީ، "ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން" އަރުވާ ކަމަށެވެ.ފުލުހުންނަށް އިތުބާރު އޮތް ކަމަށް ބުނެ، އީސަ ވިދާޅުވީ، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އެދިގެން ޕީޖީ އޮފީހުން މިހާރު ވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށްވެސް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ