އާބާދީއަށް ބަލައި ރަށްރަށް ތަފާތެއް ނުކުރާނަން: ގާސިމް

އާބާދީ އަށް ބަލައިގެން ރަށްތައް ތަފާތު ކުރުމުގެ ވިސްނުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ވިސްނުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން މިރޭ ބ. އަތޮޅު ކަމަދޫ ގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އާބާދީގެ ބަލައިގެން ރަށްތައް ތަފާތު ކުރުމުގެ ވިސްނުން އެމަނިކުފާނު ނުގެންގުޅުއްވާނެ ކަން އެމަނިކުފާނު އަމިއްލަފުޅު ޚަރަދުގައި ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ މަޝްރޫއު ތަކަށް ބަލާލުމުން ހާމަވެގެންދާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ދިވެހިން މިއަދު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއަކީވެސް ރައްޔިތުންގެ މެދުގައި ހުރި ތަފާތުތައް ނައްތާލާ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް މިނިވަންކަން ގެނެސްދީފައިވާ ޤާނޫނު އަސާސީއެއް ކަމަށެވެ.
ނަމަވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަން ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދާ ގޮތުން ހިތާމަކުރައްވާ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި މިޖަލްސާގައި ޤާސިމް އިބްރާހިމް ވަނީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުޑަކުދިންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
މިއަދުގެ ކުޑަކުދިންނަކީ މާދަމާ މިޤައުމު ބައްޓަންކުރަން ތިބި ކުދިންކަން ފާހަގަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ އެކުދިންނަކީ އަހްލާޤު ރަގަޅު މުޖުތަމައަށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް އިސްކަންދެއްވަންޖެހޭނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުޑަކުދިންނަށް އިހްމާލުވެ އަނިޔާދޭ ފަރާތްތަކަށް ހައްޤު އަދަބު ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ޤާސިމް އިބްރާހިމް ވަނީ މިރޭގެ ޖަލްސާގައި ދެއްވާފައެވެ.
ޖުމްހޫރީ ޕާޓީން ކަމަދޫގައި ބޭއްވި މިޖަލްސާގައި ކަމަދޫގެ ކައުންސިލަރަކާއި، ކުޑަރިކިލުގެ ތިން ކައުންސިލަރަކު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ