ކުޅުދުއްފުށީ ރައްޔިތުންނަށް މުހިއްމު ވައުދުތަކެއް ގާސިމް ވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުޅުދުއްފުށީގެ ރައްޔިތުންނަށާއި ޖުމްލަކޮށް މުޅި ރާއްޖެއަށްވެސް ފައިދާތަކެއް ކުރާނެ މުހިއްމު ކަންތައްތަކެއް ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ކުޅުދުއްފުށްޓަކީ މަސައްކަތްތެރި އަދި ކާމިޔާބާ ހަމައަށް ދެވެންދެން މަސައްކަތް ކުރާ ހިވާގި ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ.
އެގޮތުން ކުޅުދުއްފުށްޓަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ސީމަނުން ތިބި އެއް ރަށްކަން ފާހަގަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުޅުދުއްފުށީގައި ބައިނަލްއަޤުވާމީ ފެންވަރުގެ މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓެއް ޤާއިމުކުރައްވާނެ ކަމަށެވެ.
"މިދޭތެރެޔަކުން ދުވަސްކޮޅެއް ދިޔަ އަޅުގަނޑުމެންގެ ސީމަނުންނަކީ ރަގަޅު ޓްރޭނިން ލިބިފައިވާ ބަޔަކަށް ނުވުމުގެ ސަބަބުން ވަޒީފާ ލިބުން ދަތިވަމުންދިޔަ ދުވަސްތަކެއް. އަދި މިހާރުވެސް އެކަން އޮތީ އެހެން. މިއަދު ދުނިޔޭގެ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލު ތަކުގެ ތެރެއިން ސީމަނުންނަކީވެސް އެކަމަށް ޓްރޭނިން ލިބިގެން ކޮލިފައިވެގެން އަދި ކޮޑިފައިވެސް ވެގެންވެސް ތިބެންޖެހޭ ބަޔަކަށްވެފައި މިއޮންނަނީ. އެހެންވީމާ މިކަންތައްތައް ރަގަޅު ކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާތްﷲގެ ވާގިފުޅާއެކީގައި ބައިނަލްއަޤުވާމީ ފެންވަރުގެ މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޝަނެއް ޤާއިމުކުރުމުގައި މި ކުޅުދުއްފުށްޓަކީ އެ އިންސްޓިޓިއުޝަން ޤާއިމުކުރާނެ ތަން ކަމުގައި އަޅުގަނޑުމެން ހަމަޖައްސާނަން" އަމިއްލަ އާގު ބޯޓް ފަހަރުތައް ގެންގުޅުއްވާ ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ކުޅުދުއްފުށްޓާއި އައްޑޫގައި ޤާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ޤާސިމް އިބްރާހިމް ވިދާޅުވީ އެ ދެބަނދަރަކީ ރާއްޖޭގެ ތަރައްޤީއަށް މުހިއްމު ދެ ބަނދަރު ކަމަށްވިޔަސް އެ ދެބަނދަރު ތަރައްޤީ ކުރެވިފައިވަނީ ބޭރުން މުދާ ގެންނަ ބޮޑެތި އާގުބޯޓު ފަހަރަށް ފަސޭހައިން ޚިދުމަތް ދެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ދެ ބަނދަރަށް 6،000 ޓަނުގެ ބޮޑެތި އާގު ބޯޓް ފަހަރަށް ގާތްކުރެވޭ ވަރަށް އެތަން ތަރައްޤީކޮށް އެތަނުގައި ހިދުމަތްތައް ޤާއިމުކުރައްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ސ. އަތޮޅު ހިތަދޫގައިވެސް އެބައޮތް ބަނދަރެއް ހަނދާފައި. މިތަނުގައިވެސް އެބައޮތް ބަނދަރެއް ހަދާފައި. 1000 ޓަނުގެ ބޯޓް ފަހަރު ކިރިޔާ ކައިރިކުރެވެނީ. ހިތަދޫގައި ބަނދަރު ހަދާފައި އޮތް އިރު ކަންދިމާވާގޮތުން އެތަނުގައި ބޯޓެއް އަޅައިގެން އެތަނަށް އެއްޗެއް ބޭލެނީ ވަރަށް މަދު ދުވަހަކު. ދަމާ ގަދަފަދަ ރާޅާ ހެދި. އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ ސ. ހިތަދޫ ބަނދަރު އެއީ ބޭރުން އަންނަ އެއްޗެހި މުދާ ބޭލުމަށް ސުއިޓެބްލް (ފަސޭހަ) ތަނެއް ނޫނޭ. މިވަރުގެ ފަލަވާ އެދަނީ ޖަހާލަކިން ކަނޑައިގެން އިގޭތޯ؟ އެހިސާބުގައި އެތަން އޮތީ. ވަރަށް ގިނަ އެކްސިޑެންޓްތައްވެސް އެތަނުގައި ހިގާފައިވަނީ. އެހެންވީމާ އެސަބަބަށްޓަކައި އަޅުގަނޑުމެންގެ ވެރިކަމެއްގައި މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ ބޭރުން އަންނަ ބޯޓް ފަހަރު ކައިރި ކުރެވޭނެ ގޮތަށް މިދެންނެވި ތަން ކޮނެގެން ސ. އަތޮޅުގެ ހިތަދޫގެ ބަނދަރު ހެދުމާއި، ކުޅުދުއްފުށީގެ މި ބަނދަރުވެސް 6،000 ޓަނުގެ ބޯޓް ފަހަރު ކައިރިކުރެވޭ ވަރަށް ހަދާ އަޅުގަނޑުމެން ތައްޔާރުކުރާނަން" އެތައް ބަނދަރެއް އަމިއްލަފުޅު ޚަރަދުގައި ހަދާފައިވާ ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވަނީ މީގެ ކުރިން އެމަނިކުފާނު ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީ ކުރަން ވެވަޑައިގެންނެވި ވައުދު މިރޭގެ ޖަލްސާގައި ތަކުރާރުކުރައްވާފައެވެ.
އެގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި، އެވެރިކަމުގެ ފުރަތަމަ އަހަރުގައި ކުޅުދުއްފުށްޓާއި، އައްޑޫ ސިޓީގެ ހިތަދޫ ހޮސްޕިޓަލް، މާލޭގެ އައިޖީއެމް ހޮސްޕިޓަލުން ހިދުމަތް ދެވޭ ފެންވަރުގައި ހިދުމަތްދެވޭ ފެންވަރަށް ތަރައްޤީކޮށް ގިނަ އޮޕަރޭޝަންތަކެއް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވަނީ މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދަށާއި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ޤައުމު ހިންގިގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ޤައުމު ދަރަނިވެރިކޮށްލާފައިވާ ކަމަށާ، ވޯލްޑް ބޭންކުގެ މިންގަނޑުން ދިވެހި ޤައުމު ދަރަނިވެރިވެފައިވާ ކަމަށެވެ.
"އެއޮތީ ނޫންތޯ މިހާރުވެސް ޑެންމާކުގައި ދެއްކެވި ވާހަކަތައް ފެންނަން. ޔޫޓިއުބުން އެއޮތީ އަޑުއެހެން. އިސްލާމްދީނަށް ގޮންޖަހަނީ. ﷲގެ ރަސޫލާއަށް މަލާމަތް ކުރަނީ. ކީރިތި ޤުރުއާނަށް މަލާމަތް ކުރަނީ. މިދިވެހިރާއްޖެއިން ވޯޓް ލައިގެން އަނެއް ދިވެހިރާއްޖެއަށް ދާށޯ މިއުޅެނީ. ބަލަ އަނެއްދިވެހިރާއްޖެއަށް ދާންވީ ނޫންތޯ އެ ދިވެހިރާއްޖެއަށް ވޯޓްލާން. އެ ދިވެހިރާއްޖޭގައި ވެރިކަން ކުރަން އެ ދިވެހިރާއްޖެއަށް ގޮސްނޫންތޯ ވޯޓްލާނީ؟ ކޮންމެހެން މި ދިވެހިރާއްޖޭގެ ވެރިކަމަށް ނިކުމެގެން އުޅޭނެ ކަމެއް ނެތެއް ނޫންތޯ؟ އަޅުގަނޑު ހައިރާންވަނީ އަޅުގަނޑުމެން ތެރޭގައި އަދިވެސް މީނަ ދައްކާ ވާހަކަ ޤަބޫލުކުރަން މީހުން ތިބީތީ. ބައެއް މީހުން ޤަބޫލުކުރާ ގޮތް ދެއްކިގެން ނަމަވެސް ތިބީތީ. މިއީ އަޅުގަނޑު ހައިރާންވާ ކަމަކީ އިގޭތޯ؟ އަޅުގަނޑު ދަންނަވަން މިއުޅެނީ ރައްޔިތުން ވިސްނާށޭ. ފިކުރުކުރާށޭ އިގޭތޯ؟" ޤާސިމް އިބްރާހިމް ވަރަށް އާދޭހާއެކު ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް މިރޭގެ ޖަލްސާގައި އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ އިސްލާހީ ހަރަކާތުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށްވާތީ ޤައުމަށް ބަދަލެއް ގެންނަންޖެހޭ ކޮންމެ ފަހަރަކު އެވާހަކަ ދައްކަވާނެ ކަމަށެވެ.
އަދި އެވާހަކަ ދައްކަވައިގެން ޖާނާ މާލު ހަލާކުވިޔަސް އެވާހަކަ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ދައްކަވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ