ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އަޅުވަމުންދާ އިލްޒާމްތަކަށް ރިޔާސީ ޕްރައިމަރީއަށްފަހު ރައްދު ދެއްވާނެ ކަމަށް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިރޭ ޔާމީންގެ "ޔަގީން" ޓީމުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އޭނާއާ ބެހޭ ގޮތުން މިހާރު ދައްކަމުންދާ ވާހަކަތަކާއި ދެމުންދާ ރައްދުތައް ގަބޫލު ނުކުރުމަށައި އެވާހަކަތަކަށް ރައްދު ނުދެއްވަނީ އެކަން ކުރައްވަން އެނގިވަޑައި ނުގަންނަވާތީ ނޫން ކަމަށެވެ.
"އަޅުގަނޑާ ދޭތެރޭ ޒާތީ ގޮތުން ރައްދު ކުރާ ކަންކަމަށް ޓީވީ މެދުވެރިކޮށާއި އާންމުކޮށް އަޅުގަނޑު ރައްދު ނުދެނީ އަޅުގަނޑަށް ރައްދު ނުދެވޭނެތީއެއް ނޫން. އެކަންކަން އަޅުގަނޑު ނުކުރަނީ އަޅުގަނޑުމެން ޕާޓީގެ އެއްބައިވަންތަ ކަމަށްޓަކައި. އަދި އަހުލާގީ ގޮތުން އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖެގެ ރައީސް ކަމަށް އައުމަށް މަސައްކަތް ކުރާ މީހަކު އެފަދަ ބީދައަކުން ކަން ކުރަންވާނެ ކަމަކަށް. އެހެންވެ އަޅުގަނޑު ރައްދު ނުދެނީ،" ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރުގެ ޓީމުން ޔާމީނަށް އަމާޒު ކުރަމުންދާ ބަހުގެ ހަމަލާތަކަށް ޔާމީން ރައްދު ނުދެއްވާ ސަބަބު އޮޅުން ފިލުވައި ދެއްވި އެވެ.
އޭނާ ވިދާޅުވީ މިހާރު އޭނާއަށް އަމާޒުކުރާ ކަންކަމާއި އަޅުވާ އިލްޒާމްތަކަށްވުރެ ބޮޑެތި ކަންކަމާ ކުރިމަތިލައްވާފައިވާނެ ކަމަށައި މިހާރު މިފެންނަނީ ވަރަށް އާދައިގެން މިންވަރެއް ކަމަށެވެ.
"މިއަށް ވުރެ މާ ބޮޑެތި ކަންކަމުގައި މާ ބޮޑެތި ވާހަކަތައް އަޅުގަނޑަށް ރައްދުކުރި. އެކި ލަހަލަ އިލްޒާމްތައް އަޅުގަނޑުގެ ބޮލުގައި އެޅުވި ރައީސް ނަޝީދުގެ ސަރުކާރުން. އޭރުވެސް ގައުމުން ނުފުރާ އެއިން ކޮންމެ ކަމަކާ ކުރިމަތިލައިގެން އަމިއްލަ ދިފާއުގައި އުޅުނީ. އެހެންވީމާ މިއަދު އެއަށްވުރެ މާ އާދައިގެ ވާހަކަތަކަކުން ރައްދު ކުރީމަ އަޅުގަނޑު ނުޖެހޭ ޖަވާބު އަރުވާކަށް،" ޔާމީން ވިދާޅުވި އެވެ. "ޕީޕީއެމްގެ ޕްރައިމަރީ ފަހަނަޅައި ދިއުމުން އެކަންކަމުގެ ރައްދު އަޅުގަނޑު އަރުވާނަން،"
ޔާމީން ވިދާޅުވީ ދިވެހިން ބޭނުންވާ ސިފަތައް ޕީޕީއެމްގެ ތެރެއިން ދައުލަތަށް ގެނެސްދެއްވާނެ ކަމަށައި އޭނާއަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ރާއްޖެއިން ކަރަޕްޝަން ފުހެލައްވާނެ ކަމަށެވެ.
"އެމަސައްކަތް އަޅުގަނޑު ފަށާނީ އަޅުގަނޑުގެ ޕާޓީގެ ތެރެއިން. އަޅުގަނޑު ވާނަން މިސާލު ދައްކައިގެން ކުރިޔަށް ހިނގާ ލީޑަރަކަށް،"
ރިޔާސީ ޕްރައިމަރީއަށްފަހު އިލްޒާމްތަކަށް ރައްދު ދޭނަން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ