ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ އިންޝޫރަންސް ހަމަޖެހިފައިނުވަނީ ކީއްވެތޯ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުން ސާފުކުރަން ބޭނުންވާތީވެ ޖުވެނައިލް ކޯޓަށް އެމަނިކުފާނު ވަޑައިގެން ދެއްވުން އެދި އެކޯޓުން އެންގި އެންގުން ސުޕްރީމް ކޯޓުގެ މެންޑަމާސް އަމުރަކުން މިއަދު ބާތިލުކޮށްފި އެވެ.
އެ ނިންމުން ބާތިލު ކުރީ ޖުވެނައިލް ކޯޓުގެ ފަޑިޔާރުންގެ ހެލްތް އިންޝްއަރެންސް ލިބިވަޑައި ނުގަންނަވާ މައްސަލައިގަ އެކޯޓަށް ސީދާ ރައްޔިތުންގެ މަޖިލީހާއި މުއާމަލާތް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން އެކޯޓަށް މިއަދު އަންގާފައި ވެސް ވަނިކޮށެވެ.
ސުޕްރީމް ކޯޓުން ބުނީ އިދާރީ ގޮތުން ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިއްޔަތެއްކަމަށްވާތީ، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ ޢާއިލާގެ ބޭފުޅުންނަށް ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އިންޝުއަރަންސްގެ ޚިދުމަތް އެއް ހަމައަކުން ލިބިދިނުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަކީ ޝަރުޢީ ދާއިރާގެ އެންމެހާ އިދާރީ ކަންތައްތައް ބަލަހައްޓާ ފަރާތުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.
އެހެންކަމުން ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ އިންޝުއަރަންސް ހަމަޖެހިފައިނުވާ ސަބަބު މަޖިލީހުގެ ރައީސްގެ އަރިހުން ސާފުކުރުމަށް ބޭނުންވާތީވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުވެނައިލް ކޯޓަށް ވަޑައިގެން ދެއްވުން އެދި އެކޯޓުން ދަންނަވާފައިވާ ދެންނެވުން ބާތިލު ކުރީ ކަމަށެވެ.
ސުޕްރީމް ކޯޓްގެ މެންޑާމާސް އަމުރުގައި ބުނަނީ ފަނޑިޔާރުންގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ދަށުން ފަނޑިޔާރުންނާއި އެބޭފުޅުންގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި އަނބިމީހާ ނުވަތަ ފިރިމީހާއަށާއި މައިންބަފައިންނަށް ފޯރުކޮށްދޭންޖެހޭ މެޑިކަލް ސްކީމްގެ ހިދުމަތް ޖުވެނައިލް ކޯޓްގެ ފަނޑިޔާރުންނަށް ލިބެމުން ނުދާތީ އެކަން ހަމަޖައްސަވައި ދެއްވުމަށް މަޖިލީހުގެ ރައީސަށް ޖުވެނައިލް ކޯޓުން ފޮނުވާފައިވާ ސިޓީ އާއި އެ ސިޓީގެ ޖަވާބު ދެއްވުމަށް ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި އެ ސިޓީއަށް ޖަވާބު ދެއްވާފައި ނުވާތީ ޖުވެނައިލް ކޯޓްގެ ފަނޑިޔާރުންގެ މެޑިކަލް އިންޝުއަރެންސް ހަމަޖެހިފައި ނުވަނީ ކީއްވެގެންތޯ މަޖިލީހުގެ ރައީސްގެ އަރިހުން ސާފު ކުރަން ބޭނުންވާތީ މިއަދު އެކޯޓަށް މަޖިލީހުގެ ރައީސް ވަޑައިގެން ދެއްވުން އެދި ފޮނުވި ސިޓީގައި ދަންނަވާފައިވާ ދެންނެވުންތަކަކީ ޖުވެނައިލް ކޯޓުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ބޭރުން ދަންނަވާފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި އެއީ ބާތިލު ކަންކަން ކަމަށެވެ.
ޖުވެނައިލް ކޯޓުގެ ފަޑިޔާރުންގެ ހެލްތް އިންޝްއަރެންސް ލިބިވަޑައި ނުގަންނަވާ މައްސަލައިގަ އެކޯޓަށް ސީދާ ރައްޔިތުންގެ މަޖިލީހާއި މުއާމަލާތް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ޖުވެނައިލް ކޯޓަށް އަންގާފަ އެވެ.
މަޖިލީހުގެ އިދާރާއިން މިހެން އެންގީ މަޖިލީހުގެ އިދާރާއިން އެކޯޓަށް ފޮނުވި ސިޓީއެއްގަ އެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންނަށް މި އަހަރުގެ މިހާތަނަށް ހެލްތު އިންޝުއަރެންސް ހަމަޖެހިފައި ނުވާތީ އެކަމާ ގުޅިގެން އެ ކޯޓުން ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް މިއަދު މެންދުރު 1:00 ޖަހާއިރަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް މިއަދު ޝާހިދަށް ސިޓީއެއް ފޮނުވި ކަމަށެވެ.
ނަމަވެސް އެސިޓީގެ ޖަވާބުގައި އެގޮތަށް ކޯޓަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ވިދާޅުވެ މިއަދު މަޖިލީހުގެ އިދާރާއިން އެ ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ.
ޖުވެނައިލް ކޯޓަށް ވަޑައިގަންނަވަން ޝާހިދަށް އެންގުމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ