ޝުހާދު މަރާލި މައްސަލައިގައި ދެން އޮންނާނީ ހުކުމްކުރުން: ގާޒީ

ޏ. ފުވައްމުލަކުގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލައިގައި އެރަށު ކަރަންކާގޭ ހަސަން ފަރީދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ހުކުމް ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ. ފުވައްމުލަކުގެ ދެ އަވަށެއްގެ ޒުވާނުންތަކެއްގެ މެދުގައި 2010 ވަނަ އަހަރު ހިންގި އެ މާރާމާރީގައި ޝުހާދު މަރުވުމުގެ އިތުރުން އިތުރު ބަޔަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. އެ މައްސަލައިގައި މީހަކު މަރާލުމުގެ ދައުވާ ފަރީދުގެ މައްޗަށް ކުރާއިރު ޣައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ދައުވާއެއް އިތުރު ތިން މީހެއްގެ މައްޗަށް ކުރެއެވެ. އެއީ އެރަށު ޒަމާނީވިލާ، އަބްދުﷲ ޒާހިރާއި އެރަށު ބާންޒް، ނިއުޝާދު މުހައްމަދާއި އެރަށު ކުއޭތު، ޝުފާއު އަހުމަދުގެ މައްޗަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މާޗް މަހުގެ ތެރޭގައި ނިންމާލާފައި އޮތް ނަމަވެސް މިއަދު އިތުރު އަޑުއެހުމެއް ބޭއްވީ އިތުރު ވާހަކަތަކެއް ދައްކަން ބޭނުންވާ ކަމަށް ބުނެ ފަރީދުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވުމުންނެވެ. ވަކީލަކާ ނުލައި ދިފާއުގައި އަމިއްލައަށް ވާހަކަ ދައްކަމުން ފަރީދު މިއަދު ބުނީ ހެކިވެރިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށާއި އަދި ތަހުގީގުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ހަމަލާދިނުމަށް ބޭނުންކުރި އެއްވެސް ހަތިޔާރެއް، ނުވަތަ ދަތުރުކުރި ސައިކަލެއް ނުވަތަ ތުހުމަތު ކުރެވޭ މީހުން ލައިގެން ތިބި ހެދުންތައް ހޯދާފައި ނުވާއިރު ފިންގަޕްރިންޓެއް އަދި ޑީއެންއޭއެއް ވެސް ނަގާފައިނުވާ ކަމަށް ފަރީދު ބުންޏެވެ. އަދި ޝުހާދަށް އޭނާ ހަމަލާދިނީ ކަނާތުން ކަމަށް ބުނާއިރު އޭނާއަކީ ވާތްވެރިއެއް ކަމަށް ފަރީދު ބުންޏެވެ. އަދި ކަނާތުން މީހެއްގެ ކަނާތު އަރިކަށްޓައް ހަމަލާދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ފަރީދު ބުންޏެވެ. މީގެ އިތުރުން ވެސް ހެކިންގެ ހެކިބަހުގައި ހުރި ގިނަ ފުށުއެރުންތަކެއްގެ ވާހަކަ އޭނާ މިއަދުގެ ޝަރީއަތުގައި ބުންޏެވެ. އެ ވާހަކަތައް އޭނާ ކިޔަމުންދިޔައީ ކަރުދާސް ގަނޑެއްގައި ލިޔެގެން އެއަށް ބަލައިގެންނެވެ. ވެސް ގާނޫނު އަސާސީގެ ބައެއް މާއްދާތައް ފާހަގަކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް ފަރީދު ބުންޏެވެ. ފަރީދުގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން ދައްކަންޖެހޭ ވާހަކަތައް ކުރީގެ އަޑުއެހުމުގައި ވާނީ ދައްކާފައި ކަމަށެވެ. އެހެންކަމުން ދެ ފަރާތުގެ ވާހަކަތަކަށް ބަލައި ޝަރީއަތުން ހުކުމެއް ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އަޑުއެހުންތައް ކުރިން ނިންމާލި ނަމަވެސް އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ ފަރީދުގެ ފަރާތުން އެ ސިޓީ ފޮނުވުމުން އޭނާގެ ވާހަކަތައް އަޑުއެހުމަށް ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތަކެއް މިއަދު ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމްކުރުން ކަމަށް ވެސް އިސްގާޒީ އަބްދުﷲ ވިދާޅުވި އެވެ. އާންމު ގޮތެއްގައި މަރުގެ މައްސަލަތައް ނިންމަނީ މަރުވި މީހާގެ ވާރިސުންގެ ބަޔާންތައް ނެގުމަށް ފަހު އެވެ. ނަމަވެސް މިއަދު ހުރިހާ އަޑުއެހުންތަކެއް ނިންމާލަމުން ވެސް އެކަމާ ގުޅޭގޮތުން އިސް ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ޝަރީއަތް ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް ފަރީދު އޭނާގެ ދިފާއުގައި ވަކީލަކު ބޭނުމެއް ނުކުރެ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ބުނީ ވަކީލަކު ބޭނުންނުވާ ކަމަށާއި ވަކާލާތުކުރާނީ އަމިއްލައަށް ކަމަށެވެ. އެއީ ޖިނާއީ ބޮޑު މައްސަލައަކަށް ވާތީ ދައުލަތުގެ ޚަރަދުގައި ވެސް ވަކީލަކު ހަމަޖައްސައިދެވޭނެ ކަމަށް ގާޒީ ވިދާޅުވުމުން ވެސް ވަކީލަކު އައްޔަންކުރުމަށް ފަރީދު އެދުވަހު ދެކޮޅު ހެދި އެވެ. މި މައްސަލައިގައި ފަރީދާ ދެކޮޅަށް ހަތް މީހަކު ވަނީ ކޯޓުގައި ހެކިބަސްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ