އުލިގަމުގައި ހަތިޔާރު ގެންގުޅުމާ ބެހޭ ގޮތުން ސަރުކާރާ މަޝްވަރާއެއް ނުކުރޭ: އުމަރު

ރާއްޖޭގެ އެންމެ އުތުރުން ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް ހިމާޔަތް ދޭން ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދާށާއި އެ ރަށުގައި ހަތިޔާރު ގެންގުޅުމާ ބެހޭ ގޮތުން އެއްވެސް ފަރާތަކާ ސަރުކާރުން މަޝްވަރާކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދައި، ރާއްޖެ ސަރަހައްދުން ހުރަސްކުރާ ކަނޑު އުޅަނދުފަހަރަށް ސެކިއުރިޓީ ދިނުމާ ބެހޭ މަސައްކަތެއް މޯލްޓާގެ ކުންފުންޏަކުން ފަށަން އުޅޭ ކަމަށް ބެލެވޭ ލިޔެކިޔުންތަކެއް "ހަވީރަ"ށް ލިބި، އެ ހަބަރު އިއްޔެ ވަނީ ޖަހައިފަ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އުމަރު ވިދާޅުވީ އުލިގަމުން ބިމެއް ދޫކޮށްފައި އޮތީ ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރަން ކަމަށެވެ. އަދި އެންމެ ފަހުން ލިބިވަޑައިގެންނެވި މައުލޫމާތުގެ އަލީގައި އުމަރު ވިދާޅުވީ އުލިގަމުގައި ހަތިޔާރު ގުދަން ހަދަން އުޅޭ ކަމަށް ބުނާ ބިން ދޫކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ކަމަށެވެ. "ސަރުކާރާ އެއްވެސް ބަޔަކާ ދޭތެރޭގައި ނެތް [އުލިގަމުގައި ހަތިޔާރު ގެންގުޅުމާ ގުޅޭ] ނެގޯސިއޭޝަނެއް ހިންގައިފައެއް. އެއްބަސްވުމެއް ވެސް ނެތް. އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދަން، ހަތިޔާރު ގެންގުޅެން ސަރުކާރުން އެއްވެސް ބަޔަކަށް ހުއްދައެއް ދީފައެއް ނެތް،" އުމަރު ވިދާޅުވި އެވެ. އުލިގަމުގައި ހަތިޔާރު ގުދަން ހަދާ ސަރަހައްދު ދޫކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ކަމަށް ވާއިރު، މިކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ. އުމަރު ރޭ ކުރައްވާފައި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހެދުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. "ހަވީރަ"ށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މެރިޓައިމް ސެކިއުރިޓީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ މޯލްޓާގެ ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް (އެސްއޭއެސްއެލް) އާ އެވެ. ލިޔުންތަކުން އެނގޭ ގޮތުގައި އާމަރީ ހަދައި، އެތަން ސުޕަވައިޒްކުރާނީ ދިވެހި ސިފައިންނެވެ. އެސްއޭއެސްއެލްގެ ހަތިޔާރު އެޅި ބޯޓުތައް ވެސް މި މަސައްކަތުގައި ބޭނުންކުރާނެ ކަމަށް ލިޔުންތަކުގައިވެ އެވެ. މޯލްޓާގެ ކުންފުނިން ރާއްޖެ ގެންނަ ހަތިޔާރު އެޅި އެއް ބޯޓު: ސަރުކާރުން ބުނަނީ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އެސްއޭއެސްއެލްގެ މައި ކުންފުންޏަކީ މޯލްޓާގެ މާޝަލް ކޮންސަލްޓަންޓްސް އެވެ. އެ ކުންފުނީގެ ވެބްސައިޓްގައި ވެސް އެސްއޭއެސްއެލްގެ ނަން ހިމެނެ އެވެ. އަދި އެސްއޭއެސްއެލްގެ ޕޭޖަށް ދާއިރު ރާއްޖޭގައި އެ ކުންފުނީގެ އޮފީސްތައް ހުންނަ ވާހަކަ ލިއެފައިވެ އެވެ. "ހަވީރު"ން މާޝަލްސް ކޮންސަލްޓަންޓްސްއާ މިއަދު ގުޅުމުން އެ ތަނުން ފޯނު ނެގި އަންހެން މުވައްޒަފަކު ބުނީ މީޑިއާ އަށް މައުލޫމާތު ދޭނެ ހާއްސަ މީހެއް ނުހުންނަ ކަމަށާއި، އެހެންކަމުން އެސްއޭއެސްއެލްއާ ބެހޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެސްއޭއެސްއެލް އިން ވަނީ ރާއްޖޭގައި އެ ކުންފުނިން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު، ބޯޓުފަހަރު ދުއްވާ ބައެއް ކުންފުނިތަކަށް ދީފަ އެވެ. އެހެންކަމުން ރާއްޖެ ބޭނުންކޮށްގެން ކުރަން މި އުޅެނީ ކީއްކަމެއް އަދި އޭގެ ފަހަތުގައި ތިބީ ދިވެހިންގެ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އުލިގަމު ދެކުނު ކޮޅުގައި ސިޓީ ހޮޓަލެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކުރީ 2007 ވަނަ އަހަރު އެވެ. ނަމަވެސް އެތަނުގައި މަސައްކަތް ފެށުމަށް ފަހު ވަކި ހިސާބަކުން ހުއްޓާލައި، އޮތުމަށް ފަހު އެ ބިން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އުލިގަމުގެ އެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ހަދަން ފަހުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ އެވެ. އުލިގަމުގައި ހޮޓަލެއް ތަރައްގީކުރަން އެމްއެމްޕީއާރްސީ އިން ބަޔަކާ ހަވާލުކުރި ކަމެއް ނޭނގެ އެވެ. އުލިގަމު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮޓާ ހަދަން ދޫކުރި ބިމުގައި މިހާރުވެސް ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ އެމްޓީޑީސީގެ މުވައްޒަފުން ކަމަށާއި ރަށުގެ އާންމުންނަށް ވެސް އެ ސަރަހައްދަށް ވަދެ އުޅުމަށް ހުއްދަ ލިބޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ