މަސްތުވާތަކެތީގެ "ބޮޑެއް" ހައި ކޯޓުން ދޫކުރި ގޮތުގެ ބަހުސް
ގާނޫނުގައި އޮންނަ ލޫޕް ހޯލްތަކުން ބޮޑެތި ކުށްވެރިން ސަލާމަތްވާތަން އެބަ ފެނެ އެވެ. މީޑިއާގެ ފަލަ ސުރުޚީތަކަށް އެވާހަކަތައް އަރަ އެވެ. ހަމައެހެންމެ މީހަކަށް ކުރެވޭ ކުޑަކުޑަ ކަމަކުން ބޮޑު ހުކުމެއް އައިސް އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭ ވާހަކަ ވެސް ދިވެހިންނަށް އަލެއް ނޫނެވެ. ހަމަ އެގޮތަށް ކުށުގެ ވެށީގެ ތެރެއިން ކުށްވެރިން ސަލާމަތްވުމުގެ ވާހަކައިގެ ތެރެއަށް އާ ބާބެއް އަނެއްކާވެސް މިވަނީ އިތުރުވެފަ އެވެ. ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު ފުލުހުންނަށް ހެދުނު "ކުޑަ މިސްޓޭކަކުން" މިދިޔަ ހަފުތާގައި ވަނީ ސަލާމަތްވެ، މިނިވަން ވެފަ އެވެ. ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް ބުނެ، 2.5 ކިލޯގެ މަސްތުވާތަކެއްޗާ އެކު، ހުސެން ސޮބާހު، ރ. މަޑުއްވަރީ، މުޝްތަރީގޭ، ހައްޔަރުކުރީ ޖޫން 2011 ގަ އެވެ. އެ މައްސަލައިގައި އޭނާ އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ މިނިވަންކުރީ މަސްތުވާތަކެތި ބަހައްޓާފައި ހުރި އޮފީހަށް ކޯޓު އަމުރެއް ނެތި ފުލުހުން ވަދެފައިވާ ކަމަށް ބުނެ އެވެ. ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން "ޚާއްސަ ހާލަތްތަކެއްގައި" ކޯޓު އަމުރެއް ނެތި މީހުންގެ އަމިއްލަ ތަންތަނަށް ފުލުހުންނަށް ވަދެވުނަސް ކޯޓު އަމުރެއް ނެތި އެ އޮފީހަށް ފުލުހުން ވަންނަން ޖެހޭ "ޚާއްސަ ހާލަތެއް" އޮތްކަން ދައުލަތަށް ކޯޓުގައި ދެއްކިފައެއް ނެތެވެ. އެކަމަށް ރިއާޔަތްކޮށް ނިންމީ އެތަނަށް ވަދެ ހޯދި ހެކިތަކަކީ ގާނޫނާ ޚިލާފް ހެކިތަކަށް ވާތީ އެއަށް ބިނާކޮށް ކުރާ ދައުވާ ވެސް ބާތިލް ވާނެ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކުރަން ޖެހޭ ކަމަށް ހައި ކޯޓުން ނިންމި އެވެ. އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ހަމައެކަނި ފުލުހުން ކުށްވެރިކޮށްގެން ތިބެވޭކަށް ވެސް ނެތެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ދަށު ކޯޓުގައި ފާހަގަނުކުރާ ކަމެއް ހައި ކޯޓުގައި ފާހަގަނުކުރެވޭއިރު ކޯޓު އަމުރު ނެތި އޮފީހަށް ވަތް ކަމަށް ބުނާ ނުކުތާ ސޮބާހުގެ ފަރާތުން ދަށު ކޯޓުގައި ނަގާފައެއް ނެތެވެ. އެހެންކަމުން އުސޫލެއްގެ ގޮތުން އެ ނުކުތާ ހައި ކޯޓުގައި ވެސް ނުނެގޭނެ އެވެ. ނަމަވެސް އެ ނުކުތާ ހައި ކޯޓުގައި ނުނެގޭނެ ކަމަށް ވަކާލާތުކޮށް ދައުލަތުން ދެކޮޅު ނެހެދުމުން ފަނޑިޔާރުން ނިންމާފައި އެވަނީ އެއީ އެ ކޯޓުގައި ބެލޭނެ ނުކުތާއެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ދައުލަތުގެ ނިޔަތާ މެދު ވެސް ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ. ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާ ބުނާ ގޮތުން އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން އަބަދުވެސް ބަލަން ޖެހޭނީ އެ މައްސަލައެއް ދަށު ކޯޓުގައި ހިނގިއިރު ފާހަގަކޮށްފައި ހުރި ކަންކަމަށެވެ. ދަށު ކޯޓުގައި ފާހަގަނުކުރާ ކަމެއް ހައި ކޯޓުގައި ފާހަގަކުރެވޭނީ އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދަ ވެސް، ވަރަށް "ޚާއްސަ ހާލަތްތަކެއްގައި" ލިބިގެން ކަމަށް، ހައި ކޯޓުގެ ގަވާއިދު ބުނެ އެވެ. އެހެންކަމުން ދައުލަތުން ހައި ކޯޓުގައި ދެކޮޅު ނުހެދުމަކީ ގާނޫނުގައި އެހާ ސާފުކޮށް ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ކޯޓަށް އަމަލުކުރެވިދާނެ ސަބަބެއްތޯ ވެސް ސުވާލު އުފެދެ އެވެ. ސޮބާހުގެ އެހާ ބޮޑު މައްސަލައެއްގައި ހައި ކޯޓުން ހުކުމް އައި ގޮތާ މެދު ވެސް އެތައް ބަހުސެއް ކުރެވެން އެބަ އޮތެވެ. ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި ގޮތުގައި އޮފީހަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ބޭނުމެއް ނުވާނެ އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ ބުނަނީ މީހުންގެ ގޯތި ގެދޮރު ފަދަ ތަންތަނަށް ވަނުމަށް ކޯޓު އަމުރު ހޯދަން ޖެހޭ ވާހަކަ ކަމަށާއި އޭގެ ތެރޭގައި އޮފީސް ފަދަ ތަންތަން ހިމެނޭ ކަމަށް ބުނެފައި ނެތް ކަމަށެވެ. އޮފީސްތަކަކީ މީހުންގެ އަމިއްލަ ގޯތިގެދޮރު ކަމަށް ބަލާ ނަމަ ހޮޓާ އަދި ރެސްޓޯރެންޓް ފަދަ ތަންތަނަށް ވަންނަން ވެސް ކޯޓު އަމުރު ބޭނުންވާނެ އެވެ. ސަބަބަކީ އެއީ އެކި މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތިތަކުގައި ކުއްޔަށް ނުވަތަ އެ ނޫން ގޮތްގޮތަށް ހުންނަ ތަންތަނަށް ވާތީ ކަމަށް އެ ވަކީލް ވިދާޅުވި އެވެ. އެހެންކަމުން އަމިއްލަ މީހެއްގެ ތަނެއް ނަމަވެސް އެތަނެއް އެވަގުތަކު ބޭނުންކުރަމުންދާ ގޮތް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. " އެތަނެއް އެވަގުތަކު ބޭނުންކުރަނީ ކޮން ކަމަކު ހެއްޔޭ، މީހުން ދިރިއުޅުމަށް ބިމާ ބެހޭ ގާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަވޭހޭ، އެތަނެއްގައި މީހުން ދިރިއުޅޭ ހެއްޔޭ، އެ ސުވާލުތައް ކުރެވެން ޖެހޭނެ. އެކަމަކު ޕީޖީ އޮފީހުން އެއަށް ދެކޮޅު ހެދުން ނުވަތަ ނުހެދުމަކީ މީހުން ދިރިނޫޅޭ ތަނަކަށް ވަނުމަށް ކޯޓު އަމުރެއް ހޯދަން ޖެހޭ ސަބަބެއް ކަމަށް ގަބޫލެއްނުކުރެވޭ،" ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ނެތި އޮފީހަށް ވަން މައްސަލައިގައި ޕީޖީން ވަކި އެއްޗެއް ކޯޓުގައި ނުބުނި ނަމަވެސް އެ މައްސަލައިގައި ޕީޖީން ކޯޓުގައި ޖަވާބުދާރީވާން ޖެހެ އެވެ. އެކަމުގައި ޕީޖީން ދެކޭ ގޮތް ހާމަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ދަށު ކޯޓުގައި ފާހަގަނުކުރާ ކަމެއް އާންމު އުސޫލުން ހައި ކޯޓުގައި ނުނެގުނަސް ވަކި ހާލަތްތަކެއްގައި އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވަކީލް ދެކެވަޑައިގަނެ އެވެ. އަދި އެތަނަށް ވަންނަން ކޯޓު އަމުރެއް ބޭނުން ނުވާކަން އެ މައްސަލައިގައި ހައްޔަރުކުރި މީހާއަށް ދަށު ކޯޓުގެ މަރުހަލާގައި އެނގިފައިނުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލަ އަލުން ތަހުގީގުކުރި ނަމަވެސް ފުލުހުންނަށް ދެން ކުރެވޭނެ ކަމެއް ނެތެވެ. ގާނޫނު އަސާސީ ބުނާ ގޮތުން އެއް ކުށަކަށް ދެ ފަހަރަކު ދައުވާއެއް ނުކުރެވޭނެ އެވެ. އެއް ކުށަކަށް ދައުވާ ކުރެވޭ ގޮތަށް އޮތަސް އެ ދައުވާ އަލުން ކޮށްގެން ދައުލަތަށް ކާމިޔާބުވުމުގެ ފުރުސަތު ކުޑަ އެވެ. ސަބަބަކީ ސޮބާހުގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުވީ އެ މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓްތަކުން ފެނުނު އިނގިލީގެ ނިޝާނާ އޭނާގެ އިނިގިލީގެ ނިޝާން ދިމާވުމުން ކަމަށް ވެފައި އެއީ "ގާނޫނާ ޚިލާފަށް" ފުލުހުން ހޯދި އެއްޗެއްކަމުގެ "ލޭބަލް" ޖެހިފައި ވާތީ އެވެ. އެހެންކަމުން ދައުލަތަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމެވެ. ފުލުހުންގެ އެތައް ވަގުތަކާއި ވަސީލަތްތަކެއް ބޭނުންކޮށްގެން ރެޑް ހޭންޑްކޮށް އަތުލައިގަންނަ އެފަދަ މީހުން، ހެދޭ ކުޑަކުޑަ ގޯހަކުން ސަލާމަތްވެ ގާނޫނުގެ ކުރިމަތީގައި ކުށެއް ނެތް ބަޔަކަށް ވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންނާއި ކަމާ ބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހެ އެވެ. އެހެން ނޫން ނަމަ ގާނޫނުތަކަކީ ކުށްވެރިން ކުޅޭކުޅޭ އެއްޗަކަށްވެ، ގާނޫނުގެ ދިގު އަތަށް ވުރެ ކުށްވެރިންގެ އަތް ދިގުވެގެން ހިނގައިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ