އަބްދުﷲ ގާޒީ ހައްޔަރު ކުރިތާ 24 ގަޑިއިރު ތެރޭ ހުކުމްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ތަކުރާރުކޮށް މި ދަނީ ބުނަމުންނެވެ. ނަޝީދުގެ މައްޗަށް ދައުވާކުރަނީ އެމަނިކުފާނަށް ރިއާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެދުމަށް ކަމަށް ތުހުމަތުކުރަމުން ދާއިރު އެ ދައުވާ ކުރުމުގެ ސަބަބު ކަމަށްވާ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އެކު ދެން ހިނގައިދިޔަ ކަންކަމުގެ ވާހަކަ މި ވަނީ ހަނދާން ނައްތާލައިފަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި ދުވަސް ކަމަށްވާ، ޖެނުއަރީ 16 ގައި އެންމެ ފުރަތަމަ އައީ އެ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓެކެވެ. އެކަމަކު އެ ދުވަހުގެ ރޭ ހައި ކޯޓުން ވަނީ ފުލުހުންގެ ޗިޓަށް އަމަލުކުރުން ފަސްކޮށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނުތާ އިރުކޮޅެއް ފަހުން ދެން އިވުނީ އަބްދުﷲ ގާޒީގެ ގެޔަށް ސިފައިން ގޮސް އަބްދުﷲ ގާޒީ ގެންދިޔަ ޚަބަރެވެ. ގެންދިޔަ ތަނެއް ވެސް ނޭނގެ އެވެ. ގާޒީ ހައްޔަރުކުރިތާ ދެތިން ގަޑިއިރު ވެސް ނުވަނީސް ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވަނީ ގާޒީ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހަށް އެކަން އަންގަވައިފަ އެވެ. ގާޒީއަކު ހައްޔަރުކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހަޅުއްވައިގެން، އެ ގާޒީއަކު ހުންނެވި ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަށް ކަމަށް ގާނޫނުގައި އޮންނާތީ ސިފައިންނަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ބާރު ނެތް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން އަމުރު ނެރުނީ ގާޒީ ހައްޔަރުކުރިތާ ހަ ގަޑިއިރު ވެސް ނުވަނީހެވެ. އެންމެ މަތީ ދެ ކޯޓުން ވެސް ކަނޑައަޅާފައި ވަނީ ގާޒީ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ގާޒީ ހައްޔަރުކުރީ އޭނާއާ މެދު ތުހުމަތުތަކެއް ކުރެވި ފިޔަވަޅު އެޅޭނެ ގޮތެއް ނެތިގެން ކަމަށް ބުނުމަކީ ގާނޫނީ ގޮތުން ބަލާއިރު ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ގާޒީން މަގާމުން ވަކިކުރުމުގެ ބާރު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އެކަމާ މެދު ފިޔަވަޅެއް ނާޅައި އޮތުމަކީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ގޮތް ހުސްވެގެން ކަމަށް ބުނާ ވާހަކައިގެ ދޮގުކަން ސާބިތުވާ ކަމެކެވެ. ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވެ ގާޒީ ބަންދުގައި ބަހައްޓާފައި ހުންނަތާ 24 ގަޑިއިރު ނުވަނީސް ޕީޖީ ވަނީ ގާޒީ ހައްޔަރުކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލާގައި ދައުވާކުރައްވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމު ގެއްލުނު ކަމުގައި ވިޔަސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ޕީޖީ އެހެން ވިދާޅުވި އިރު ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ގާޒީ ހައްޔަރުކުރި މައްސަލާގައި ނެރުނު ކޯޓު އަމުރުތަކަށް ތަބާނުވި މައްސަލާގައި ޝާމިލުވާ ފަރާތްތަކާ މެދު ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ގާޒީ ހައްޔަރުކޮށްފައި ހުރި އިރު އދ. އިން ވެސް ވަނީ ގާޒީ ދޫކޮށްލުމަށް ނުވަތަ އޭނާގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ ދައުވާކުރުމަށް ގޮވާލައިފަ އެވެ. ދެން "ސިޔާސީ ދައުވާ"ގެ ވާހަކަ އެވެ. އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓަކަށް ނަޝީދު ހޮވާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރިތާ ބަރާބަރު ފަސް މަސް ފުރުނު ދުވަހު، މިދިޔަ އަހަރުގެ ޖޫން 16 ވަނަ ދުވަހު އެވެ. އެއީ ވެސް ގާޒީ ހައްޔަރުކުރި މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވި ފަހުންނެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އެކު ދެން ހިނގައިދިޔަ ކަންކަމަށް ބަލާއިރު އެ މައްސަލާގައި ދައުވާ ކުރާނެކަން އޮތީ ސިއްރުވެފައެއް ނޫނެވެ. ބަޔަކު ކުށެއް ކޮށްފި ކަމަށް ރާއްޖޭގެ އެންމެ މަތީ ދެ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ދައުވާކުރާނެ ކަމަށް ޕީޖީ ވިދާޅުވީ ނަޝީދު ވެރިކަމުގައި ހުންނަވަނިކޮށެވެ. ދައުވާކުރީ ވެރިކަން ގެއްލިވަޑައިގެން ފަހުންނެވެ. ހަގީގަތުގައި މިހާރު ކޯޓުގައި އޮތް މައްސަލަޔަކީ ގާޒީ ހައްޔަރުކުރުމަކީ ކުށެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްސަލައެއް ވެސް ނޫނެވެ. އެއީ ކުށެއް ކަމަށް މަތީ ދެ ކޯޓުން ކަނޑައަޅާފައި ވާއިރު ދެން ބަލަން ޖެހެނީ އެ ކުށް ކުރީ ކޮން ބައެއްތޯ އެވެ. ރިއާސީ ކެންޑިޑޭޓެއްގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއް ސިޔާސީ ދައުވާއަކަށްވާ ނަމަ ކުށުން ބަރިއްޔަވުމަކީ ފަސޭހަ ކަމަކަށް ވާނެ އެވެ. އެކަމަކު ނަޝީދުގެ މައްސަލަ ނޫނަސް އަވަހަށް ނިންމަން ޖެހޭ މައްސަލަތައް އެބަހުރި ކަމަށް ގަބޫލުކުރަމެވެ. ޝަރީއަތް ހިންގަން ޖެހޭ އެންމެންގެ މައްޗަށް ވެސް ހިންގަން ޖެހޭނެ އެވެ. އެކަމަކު އެންމެންގެ މައްޗަށް ޝަރީއަތް ނުހިންގޭ ނަމަ ދެން ތިބި އެންމެންގެ މައްޗަށް ޝަރީއަތް ނުހިންގައެއް ވެސް ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ