އަބްދުﷲ ގާޒީ ހައްޔަރުކުރުން ބޭރުގެ މީޑިއާތަކުގައި

ދިވެހި ސިފައިން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ޚަބަރު ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އެބަދެ އެވެ. އެ ގޮތުން ފުލުހުންނާއި ސިފައިން ގޮސް، ސިފައިންގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން، އޭނާގެ އަންހެނުންނާއި ދަރިން ރޮއެރޮއެ ތިއްބާ ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސީއެންއެން އައިރިޕޯޓްގައި ޝާއިއުކޮށްފައިވެ އެވެ. "ޑިމޮކްރެސީ ހައިޖެކްކޮށްފި: ރައީސް ނަޝީދުގެ ހަގީގީ ސޫރަ" މި މައުލޫއަށް ތައްޔާރުކޮށްފައިވާ އެ ރިޕޯޓްގައި، އަބްދުﷲ ގާޒީ އާއި ޑރ. ޖަމީލުގެ ވާހަކައިގެ އިތުރުން ރޭ މާލެތެރޭގައި ކުރި މުޒާހަރާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ވާހަކަ ވެސް ބަޔާންކޮށްފައިވެ އެވެ. ބައިނަލްއަގުވާމީ ނޫސް އޭޖެންސީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އާ ހަވާލާދީ އޭބީސީ ނިއުސްގެ ވެބްސައިޓްގައި ބުނެފައިވަނީ ދިވެހި ސިފައިން ރާއްޖޭގެ ސީނިއާ ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ސަރުކާރާ މެދު ތުހުމަތުތަކެއް ކުރި އިދިކޮޅު ލީޑަރަކު (ޑރ. ޖަމީލު) ކޯޓު އަމުރެއް ނެތި ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް، އޭނާ ދޫކޮށްލުމަށް އެ ގާޒީ އަމުރުކުރުމުންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާ ހަވާލާދެއްވައި އޭގައި ބުނެފައިވަނީ ގާޒީ އަބްދުﷲ ހައްޔަރުކުރީ އޭނާ އިއްވާ ހުކުމްތައް އިއްވުމުގައި ކޮރަޕްޝަނާއި އޭނާގެ އަމިއްލަ މަސްލަހަތު ހިމެނޭ ގޮތަށް ހުކުމްތައް ކުރައްވާތީ ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ދާއިރާގެ ފުރިހަމަ މިނިވަންކަމަށް ސަރުކާރުން އަބަދުވެސް ހިމާޔަތްކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައިވެ އެވެ. ބީބީސީގައި ވެސް މި ޚަބަރު ޝާއިއުކޮށްފައިވާ އިރު، އޭޝިޔާގެ އެހެން ބައެއް ނޫސް ވެބްސައިޓްތަކުގައި ވެސް މި ޚަބަރު ގެނެސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ