ހައްޖާއި އުމްރާގެ ވިސާގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި

ހައްޖަށާއި އުމްރާ ދަތުރުގެ ވިސާ ލިބުމުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށައިފި އެވެ.
މިނިސްޓްރީން މިއަދު ބުނީ ރޯދަމަހު އުމްރާ އަށާއި ހައްޖު މަހު، ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ދިނުމުގަ މީގެ ކުރިން އަމަލު ކުރަމުން އައި ލުއި އުސޫލު ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސައުދީ ސަރުކާރުން މިހާރު ނިންމާފައިވާ ހައްޖާއި އުމްރާއަށް ދިއުމަށް ބައިނަލް އަޤުވާމީ ވައިގެ އުދުހުންތަކާއި ބެހޭ ޖަމިއްޔާ (އަޔާޓާ) ގެ ހުއްދަ ލިބިފައިވާ ކުންފުނިތައް މެދުވެރިކޮށް ރެޖިސްޓަރީވެ ވިސާ އަށް އެދި ހުށަހެޅުމުން ވިސާ ދޫކުރާ ގޮތަށެވެ. ފޮރިން މިނިސްޓްރީން ބުނީ، އެފަދަ ކުންފުންޏެއް ރާއްޖޭގައި ނެތުމުން މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން ހައްޖަށާއި އުމްރާއަށް މީހުން ފޮނުވަމުންދަނީ ސްރީލަންކާގެ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ.
އަދި މިއަހަރު ދިމާވެގެން އުޅޭ މައްސަލަޔަކީ، މި އަހަރު ރޯދަމަހާއި ދިމާކޮށް 15 ދުވަހުގެ ވިސާ ދޫކުރި ބައެއް ފަރާތްތަކުން ވިސާގައި ބުނެފައިވާ ދުވަސް ފަހަނަ އަޅާ ދިއުމުން ވެސް ސައުދީއަށް ފުރާފައި ނުވާތީ އެ ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް ވިސާ އަށް އެދުނު ފަރާތްތަކަށް ސައުދީ އެމްބަސީން ވިސާ ދޫކުރުން ހުއްޓާލި މައްސަލަ އެވެ.
"... މިހާރު ފޮރިން މިނިސްޓްރީން ދަނީ އަޔާޓާގެ ހުއްދަ ލިބިފައިވާ ސްރީ ލަންކާގެ ކުންފުނިތަކާއި ސްރީ ލަންކާގަ ހުންނަ ސައުދީ އެމްބަސީއާއި ގުޅިގެން ވިސާގެ ކަންތައް އަވަސް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ،" މިނިސްޓްރީގެ ނެރުނު ބަޔާނެއްގައި ވެއެވެ.
ރޯދަ މަހުގެ ފަހު 15 ގައި އުމްރާއަށް ދާ ފަރާތްތަކަށް ވިސާ ލިބުމުގައި ދިމާވި ދަތިތަކާ ހެދި ނުފުރިފަވާއިރު، މިހާތަނަށް ވިސާ ލިބިފައިވަނީ 1200 މީހުންގެ ތެރެއިން 200 މީހުންނަށެވެ. މިކަމާ ގުޅިގެން އުމްރާއަށް ދާން ފައިސާ ދެއްކި ފަރާތްތަކާއި ޖަމާއަތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އުމްރާއަށް ދާން ދެއްކި ފައިސާގެ ބޮޑު ބައެއް އަނބުރާ ނުލިބޭނެ ކަމަށް ޖަމާއައްތަކުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ