ދިވެހިންނަށް ގެއްލުން ނުވާނެހެން އެއަރޕޯޓްގެ މައްސަލަ ހައްލުވާނެކަމުގެ ސިގްނަލް ލިބުނު: މައުމޫން

ޖީއެމްއާރު މައްސަލާގައި ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުވާނެހެން ކުރިއަށް ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އެދިވަޑައިގެންނެވި ކަމަށް ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އަނބިކަނބަލުން ނަސްރީނާ އިބްރާހީމުއަށް ބޭސްފަރުވާ ކުރެއްވުމަށް އިންޑިއާގެ ކޮއިންބަތޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ ޖީއެމްއާރާއި އެކު ކުރީގެ ސަރުކާރުން ކޮށްފައިވާ އެގްރިމެންޓުގެ ސަބަބުން ދިވެހިންނަށް ވަރަށް ގިނަ ދަތިތަކަކާއި ގެއްލުން ވަމުން އަންނަ ކަމަށް ވިދާޅުވުމުން މި މައްސަލާގައި ދިވެހި ރައްޔިތުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވެ ފައިދާ ހުރި ގޮތަކަށް ކަންތައްތައް ގެންދެވުމަށް ސިންގް އެދި ވަޑައިގަތް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން ފުރަތަމަވެސް އަޅުގަނޑުމެންނާއި އިންޑިއާ ސަރުކާރާއި މެދު އެއްވެސް މައްސަލައެއްނެތޭ. އަދި އިންޑިއާގެ އެއްވެސް ކުންފުންޏަކާއި މެދުވެސް އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތޭ. އަޅުގަނޑުމެންގެ މައްސަލަ މި އޮތީ ކުރީގެ ސަރުކާރުން އެކަން ކުރި ގޮތާއި ދޭތެރޭގައޭ. ދިވެހި ސަރުކާރުން ޖީއެމްއާރު އެގްރީމެންޓް އޭރު ކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށޭ. ރައްޔިތުން މަޖިލީހަކަށް ނުވެސް އަންގަވައޭ. ދިވެހި ރައްޔިތުންނަކަށް ވެސް އޭގެ ތަފްސީލް ތަކެއް ނޭނގޭ. މިއޭ އަޅުގަނޑުމެންގެ މައްސަލަ އަކީ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
މައުމޫނު އިތުރަށް ވިދާޅުވީ އެމަނިކުފާނު ހުންނެވި ހޮސްޕިޓަލަށް ޖީއެމްއާރު ގުރޫޕްގެ ޗެއާމަން ޖީއެމް ރާއޯ ކުރެއްވި ޒިޔާރަތަކީ ކުރިން ރޭވިގެން ކުރި ޒިޔާރަތެއް ނޫންކަމަށެވެ.
""އެއީކީ ކުރިންސުރެއް ރާވައިގެން ކުރި ބައްދަލުވުމެއް ނޫން. އަޅުގަނޑު އިސްވެ އެއްވެސް ކަމެއްވެސް ނުވެސް ކުރަން. އޭނަ ވަޑައިގަތީ. ވަޑައިގަތީމަ ދެން އަޅުގަނޑުމެން ޖެހޭނެތާ ބައްދަލުކޮށްލަން،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރާއޯ ވަޑައިގެން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ޖީއެމްއާރު ކުންފުނީގެ މަސައްކަތްތަކާއި ކާމިޔާބީ ތަކާއި ބެހޭ ގޮތުން ކަމަށާއި އަދި އެއަށްފަހު ރާއްޖޭގެ އެއާޕޯޓްގެ މައްސަލަ އާއި ގުޅިގެންވެސް ވާހަކަ ދެއްކެވި ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ވިދާޅުވި ރާއްޖޭގެ ބައިނަލް އަގްވާމީ ވައިގެ ބަދަރު ހިންގަނީ ތިމަނަމެންނޭ. އަޅުގަނޑުމެން ބޭނުންވަނީ މިކަން ވީހާވެސް ރަނގަޅަކަށް ގެންދާށޭ. ދެން އަޅުގަނޑު ދެންނެވިން ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންނާ އިންޑީއާ ސަރުކާރާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތޭ. އަދި ޖީއެމްއާރާއި ދޭތެރޭވެސް ކުންފުންޏެއްގެ ހައިސިއްޔަތުން މައްސަލައެއް ނެތޭ. އެކަމަކު މި އެގްރިމެންޓްގަ އެބައޮތޭ ވަރަށް ބޮޑު މައްސަލަތަކެއް ކުރިމަތި ވެފަ،" ޖީއެމްއާރު އެއްބަސްވުމާއި ދެކޮޅު ހައްދަވަމުން ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ