ރައްޔިތުން ކެތްތެރިކަމާ އެކު ސަރުކާރާ އެކީ ތިބުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ރައްޔިތުން ބޭނުންވާ ކަންކަން ހުސް ނުވާނެ ކަމަށާއި އެހެން ނަމަވެސް ހުރިހާ ރައްޔިތުން ކެތްތެރިކަމާ އެކު ސަރުކާރާ އެކީ ސާބިތުވެ ތިބުމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ އެދިވަޑައިގެންފި އެވެ. ހޯރަފުށީ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީ ގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ހިދުމަތްތައް ވަކި ރަށަކަށް ހާއްސަ ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ހިދުމަތްތައް ދޭންޖެހެނީ ރާއްޖޭގެ ހުރިހާ ރަށަކަށް ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، މާތް ﷲގެ ރަހުމަތާ އެކީ، ރާއްޖެ ދުވަހަކު ވެސް ނުދެކޭ ވަރުގެ ތަރައްގީއެއް، މި ފަސް އަހަރު ނިމިގެންދާއިރު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. ހޯރަފުށީ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ރައީސް ޔާމީން ފައްޓަވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ، ހޯރަފުށީގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި އިހަވަންދިއްޕޮޅު ސަރަޙައްދަށް ހާއްސަ ކޮށްފައިވާ "އައިހެވަން" މަޝްރޫއާ ބެހޭ ގޮތުން ވެސް ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ސިއްހީ ހިދުމަތްތައް މުޅި ރާއްޖެ އަށް ފެތުރިގެންދާއިރު ސަރުކާރުން ތައާރަފްކުރާ "ޓެލެމެޑިސިން"ގެ ހިދުމަތާއި ސީ-އެމްބިޔުލެންސްގެ ހިދުމަތް އެމަނިކުފާނު ހާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި އެވެ. "އަދި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަގުހެޔޮކޮށް ބޭސް ލިބޭނެ އިންތިޒާމު، އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ކުރައްވަމުން ގެންދަވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ