އައްޑޫގައި ކުނިން ކަރަންޓު އުފައްދަން ތައިލެންޑް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

ކުނި ބޭނުންކޮށްގެން އައްޑޫގައި ކަރަންޓް އުފެއްދުމުގެ ޝައުގުވެރިކަން ތައިލެންޑްގެ ކުންފުންޏަކުން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ. ތައިލެންޑްގެ އިތުރުން މިހާރު ވެސް ބައެއް އެހެން ގައުމުތަކުގައި މަޝްރޫއުތައް ހިންގަމުން އަންނަ ކޭ.ވައި. އިންޓަޓްރޭޑް ކޮމްޕެނީ ލިމިޓެޑްގެ ވައިސް ޕްރެޒިޑެންޓް ސަމްޕަތު ޓްރަސޯންކިއަޓް އާއި އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޕިޔާ ޖިންޑަމް އަނީކޯ ބުދަ ދުވަހު ވަނީ ކައުންސިލާ ބައްދަލުކުރައްވައި، މިކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރައްވާފައިވެ އެވެ. އައްޑޫގެ ތިމާވެށީގެ ކަންކަމާ ހަވާލުވެ ހުންނަވާ ކައުންސިލަރު ހުސައިން ފަހުމީ ބުރާސްފަތި ދުވަހު ވިދާޅުވީ ތައިލެންޑްގެ ޓީމުން އައްޑު އަށް ކުރި ދަތުރުގައި، އައްޑޫގައި އުފެދޭ ކުނިބުނި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިއްޖެ ނަމަ އެ ކުންފުނިން އެކަން ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ. "އެ ބޭފުޅުން މިކަމާ މީގެ ކުރިން ވަނީ ]އެންވަޔަރަމަންޓް[ މިނިސްޓްރީ އާ ވެސް މަޝްވަރާކޮށްފައި. މިނިސްޓްރީން ދިން ލަފައެއްގެ މަތިން ރަށްރަށުގެ ކައުންސިލްތަކާ ވާހަކަ ދައްކައިގެން މިކަން ކުރެވޭނެ ގޮތްތަކެއް ފަހިކުރުމަށް އެ މީހުން ބޭނުން ވަނީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް މި ތިބީ މިފަދަ ކަމެއް ކުރަން ވަރަށް ބޮޑަށް ބޭނުންވެފައި. އެހެންވެ ކައުންސިލުން މިކަމަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދޭނަން. އެގޮތުން އެކަމަށް ބޭނުންވާ ޕްލާންޓް ބަހައްޓާނެ ތަނާ އެއްޗެހި މިހާރު ވެސް ޑިސައިޑްކޮށްފައި ވަނީ. މިކަން ވީހާ ވެސް އަވަހަކަށް ކުރެވޭނެ ގޮތެއް ހޯދަން ކައުންސިލުން މިހާރު ވަނީ މަސައްކަތް ފަށާފައި." ފަހުމީ އިތުރަށް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަން ތައިލެންޑްގެ ކުންފުންޏަށް ދޭން ޖެހޭ އެއް ގެރެންޓީއަކީ އެ މީހުން އުފައްދާ ކަރަންޓް އައްޑު އަށް މިހާރު ކަރަންޓް ދެމުން އަންނަ ސަދަން ޔުޓިލިޓީޒް ލިމިޓެޑް(އެސްޔޫއެލް) އިން ގަތުން ކަމަށެވެ. "އެކަން ވާން އޮތް ކަމަށް ވަންޏާ މިކަމަށް ދުވާލެއްގެ މައްޗަށް ބޭނުންވާ 50 ޓަނުގެ ކުނި ބޭނުންކޮށްގެން އެއް މެގަވޮޓްގެ ކަރަންޓް ދުވާލެއްގެ މައްޗަށް އުފެއްދޭނެ ކަމަށް ބުނެފައި ވަނީ،" އޭނާ ވިދާޅުވި އެވެ. "އޭރުން މިހާރު ކަރަންޓް ދެމުން އަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ވެސް ގެނެވޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ