ރިލުވާން މައްސަލަ އާއި އިންޒާރުގެ އެސްއެމްއެސްތަކާ ގުޅިގެން އުމަރު ދެއްކި ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލިފައިވާ މައްސަލަ އާއި އިންޒާރުގެ އެސްއެމްއެސްތަކާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުނެ އެކަން އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ. ރިލުވާންގެ މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، އޭނާ "ވަގަށް ނަގާފައިވާކަން ވެސް ނުވަތަ ގެއްލިފައިވާކަން ވެސް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އޭނާ ފެނުނީމާ އޭނާގެ ގާތުގައި އެހުމަށް ފަހުގައި" ކަމަށް އުމަރު ވިދާޅުވި އިރު މިއީ މިނިސްޓަރުގެ "ޒިންމާދާރުކަން ކުޑަކަމުގެ ލާމަސީލު ވާހަކަފުޅެއް" ކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ވެ އެވެ. އެ ޕާޓީން ބުނީ މިއީ ރިލުވާން ގެއްލުނު މައްސަލަ ގޭންގުތަކާ ގުޅިފައިވާ ކަމަށް އުމަރު ކުރިން ވިދާޅުވެފައިވާ ބަސްފުޅާ ތައާރަޒުވާ ވާހަކައެއް ކަމަށެވެ. މަރުގެ އިންޒާރުތައް ދީ ފޮނުވަމުންގެންދާ އެސްއެމްއެސްތަކުގެ މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުދެއްވަމުން އުމަރު ވަނީ މަރުގެ އިންޒާރުތަކުގެ މައްސަލަ "ޖޯކަކަށް" ހައްދަވައި އެ މޭރުމުން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. މަރުގެ އިންޒާރުތައް ދިން ކަމުގައި ވީ ނަމަވެސް އެ އިންޒާރުތައް ލިބޭ މީހުން އެއްވެސް ބިރެއް ނުގަންނާނެ ކަމަށް އުމަރު ވިދާޅުވި އިރު "އެމަނިކުފާނުގެ ވަށައިގެން ދައުލަތުގެ ޚަރަދުގައި ހަށިފާރަވެރިން ލައްވައި، އަދި އެވަރުން ފުދިވަޑައިނުގެން އެމަނިކުފާނުގެ ހަށިރައްކަލަށްޓަކައި ފިސްތޯލަ ހޯއްދެވުމަށް އެދިވަޑައިގެން އުޅުއްވީ ވެސް ހުދު އެމަނިކުފާނު" ކަމަށް ބަޔާނުގައިވެ އެވެ. "ހޯމް މިނިސްޓަރު އުމަރު ނަސީރު އެބާވަތުގެ ޒިންމާދާރުކަން ކުޑަ ވާހަކަފުޅު ދައްކަވަނީ، ރާއްޖޭގެ އަމަންއަމާންކަން ގެއްލިފައިވީ ހިނދު، ރާއްޖޭގެ ދާޚިލީ އަމަން ރައްކާތެރިކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލަންޖެހޭ މަގާމެއްގައި ހުންނަވައިގެން، އެކަމަށް ހައްލެއް ހޯއްދެވުމަށް ނުކުޅެދިފައިވުމުގެ ސަބަބުން ކަމަށް ދެކެމެވެ،" އެމްޑީޕީން ބުންޏެވެ. "އަދި އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަފުޅު ނުދެއްކެވުމަށާއި މަގާމުގެ ޒިންމާ އުފުއްލެވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެމްޑީޕީ އިން ގޮވާލަމެވެ." އެމްޑީޕީން ބުނީ މި ސަރުކާރު އައި ފަހުން ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ގެއްލި، ސިލްސިލާގޮތެއްގައި މީހުން މެރުމާއި ވަޅިހެރުމާއި، މާރާމާރީ ހިންގުން އެތައް ގުނައަކުން އިތުރުވެ، މަސްތުވާތަކެތީގެ މުއާމަލާތްތައް ފުޅާވެ، މީހުން ވަގަށްނަގައި، މަރުގެ އިންޒާރުތައް ދީ، އާންމު މުޖުތަމައުގައި ނުރައްކާތެރިކަމާއި ނާމާންކަން އަށަގެންފައިވާ މިންވަރު އިންތިހާ ދަރަޖައަށް ގޮސްފައިވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށެވެ. ރޯމާ ދުވާލު އެންމެންގެ ލޯ ކުރިމަތީގައި ބޮޑެތި ޖަރީމާތައް ހިންގާ މީހުންގެ މައްޗަށް ވެސް ސަރުކާރުން ގާނޫނު ނުހިންގާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ތަކުރާރުކޮށް ފާޅުކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ