ގާސިމް ލަންކާގެ ރައީސް ސިރިސޭނާއާ ބައްދަލުކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ މިއަދު ބައްދަލުކުރައްވައިފި އެވެ. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވި ގޮތުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެން ރަޝީދު ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން އޮތީ ލަންކާގެ ރައީސް އޮފީހުގަ އެވެ. ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ގާސިމް، ލަންކާގެ ރައީސާ ހިއްސާކުރެއްވި ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ. ގާސިމްގެ އެ ބައްދަލުކުރެއްވުމަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން "ގާނޫނު އަސާސީގެ ދިފާއުގައި" ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ލަންކާގެ ރައީސާއި އެ ގައުމުތަކުގައި ތިއްބަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭފުޅުންނާ ހިއްސާކުރަން ވަޑައިގަތީ އެމްޑީޕީ އާއި ޖޭޕީގެ ވަފުދެއް ނަމަވެސް، ސިރިސޭނާގެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބޭފުޅަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ދެ ޕާޓީގެ ވަފުދުގައި ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަލީ ސޯލިހު ވިދާޅުވީ ލަންކާގެ ރައީސާ ބައްދަލުކުރެއްވުމުގެ އިތުރުން ވެސް ލަންކާގައި ތިއްބަވާ އެކި ގައުމުތަކުގެ އިސް ބޭފުޅުންނާ މިއަދު ގާސިމް ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުންތަކަށް ފަހު ގާސިމް މާލެ ވަޑައިގަންނަވާނެ ދުވަހެއް ޖުމްހޫރީ ޕާޓީން ނުބުނެއެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވެސް ކުރިން ހަމަޖެހިފައި އޮތީ ގާސިމް ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. އެކަމަކު ލަންކާގެ ރައީސާއެކު އެޕޮއިންޓްމެންޓް ހަމަޖެހުނީ އިއްޔެ ހަވީރަށް ކަމަށް ބުނެ ގާސިމް އެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަން ޖުމްހޫރީ ޕާޓީން އިއުލާންކުރީ އެއްވުން ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ