ނަޝީދު އިންޑިއާ ހައި ކޮމިޝަނުގައި ހުންނެވުމަކީ ލަދުގަންނަންޖެހޭ ކަމެއް: މައުމޫން

ހިމާޔަތް ހޯއްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައި ކޮމިޝަނުގައި ހުންނެވުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ކައުންސިލަރުންތަކެއް ޕީޕީއެމަށް ސޮއިކުރެއްވުމަށް މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ނަޝީދު އެ ތަނުގައި އިންނެވުމަކީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ވެސް އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އެ މަނިކުފާނު ލަދުގަންނަ ކަމެއް ކަމަށެވެ. އަދި އަމިއްލަ އަށް ހައްލުކުރެވޭނެ މި ފަދަ މައްސަލައެއްގައި ދިވެހި އެއްވެސް ރައްޔިތަކު ބޭރު ގައުމެއްގެ ހިމާޔަތުގެ ދަށަށް ދާންޖެހުމަކީ ވަރަށް ލަދުވެތިކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ އެންމެންގެ މައްޗަށް ހިނގާ ނިޒާމެއް ކަމަށާއި ޝަރުއީ ނިޒާމުން ބޭރުގައި ކަމެއްކުރުމަށް އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ ކަމަށެވެ. "އަޅުގަނޑު ވިޔަސް އެހެން މީހަކު ވެސް ޝަރީއަތަށް ދާން ޖެހިއްޖެއްޔާ ދާން ޖެހޭނެ. ކުށެއް ނެތްކަން ސާބިތުކޮށްދިނުމަކީ އެ މީހެއްގެ ކަމެއް،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ނަޝީދު މީގެ ކުރިން ވެސް ވަނީ ޝަރީއަތަށް ވަޑައިގެންފަ އެވެ. ނަމަވެސް މިހާރު ކުއްލިއަކަށް ހިޔާލުފުޅު ބަދަލުވެގެން އެހެން ތަނެއްގައި ހުންނެވުމުގެ މާނަ ވިސްނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އިންޑިޔާ އާއި ރާއްޖެ އަކީ ވަރަށް ގާތް ދެ ގައުމުކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ކިލަނބުވާ ގޮތަށް އެއްވެސް ދިވެއްސަކު އަމަލުކޮށްގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "މިހާރު އޭނާ އެ ހުންނެވީ އެތަނުގެ ހިމާޔަތަކު ނޫން. އެތާނގެ މެހެމާންދާރީގައި. އެތަނަށް ވަޑައިގަތީމަ ސަފީރަކަށް ވެސް ކެރިވަޑައެއް ނުގަންނަވާނެ ދެއްތޯ މިތަނުން ނިކުންނާށެކޭ ބުނާކަށް. އެއްގޮތަކަށް ވެސް އިންޑިއާގެ ދައުވަތަކަށް ނުވަތަ އިންޑިއާ އިން އެދިގެން ހިމާޔަތްދޭނެ ކަމަށް ދަންނަވައިގެން ނަޝީދު އެ ތަނަށް ވަޑައިގަތީކީ ވެސް ނޫން، ވަޑައިގަނެވުނީމަ އެތަނުގައި ދެން އިންނަވަނީ،" ނަޝީދު އިންޑިއަން ހައި ކޮމިޝަނުގައި އިންނެވުމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވި އެވެ. ނަޝީދު ހައި ކޮމިޝަނުގައި ހުންނެވީ ކުރީގެ ރައީސުންނަށް ދޭ އިހްތިރާމެއްގެ ގޮތުން ކަމަށާއި އެ ގޮތަށް ހުންނެވުން ދިގު ދެމިގެން ދިޔަ ނުދެވޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހޫރުޝީދު ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ނަޝީދު އެ ތަނުގައި ދިގު މުއްދަތަކަށް ބަހައްޓަން އިންޑިއާ އިން ބޭނުންނުވާ ކަމަށެވެ. އަންނަ ރިއާސީ އިންތިހާބުގައި މައުމޫން ވާދަކުރެއްވުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ގޮތެއް މިހާރު ނިންމަވާފައިވާ ކަމަށާއި އެކަމަކު އެކަން އިއުލާންކުރައްވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ