ސޯފާ އެގްރީމަންޓާއި ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކުރާނަން: އަބްދުﷲ މުހައްމަދު

އެމެރިކާގެ އަސްކަރިއްޔާއާއި އެކު ސޮއި ކުރުމަށް މަޝްވަރާ ކުރަމުން އަންނަ \"ސްޓޭޓަސް އޮފް ފޯސް\" (ސޯފާ) އެގްރީމަންޓާއި ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކުރާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ އަބްދުﷲ މުހަންމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައިވަނީ ކޮންމެ ބަޔަކު ކުރި ކަމެއް ކަމަށް ވީ ނަމަވެސް ގޯސް ކަމެއް ވާނީ ގޯސް ކަމެއް ކަމަށެވެ. އެގޮތުން ސޯފާ އެއްބަސްވުން ގާއިމުކޮށްފިނަމަ ރާއްޖޭގައި "ލާދީނިއްޔަތު" ފަތުރުވާނެ ކަމަށާއި، މިހާރުވެސް ރާއްޖޭގައި ދީނީ މިނިވަންކަން ނެތްކަމަށް ބުނެ ފިއްތުންތައް ކުރިމަތި ކުރުވަމުން އަންނަ ކަމަށެވެ.
"ގައުމައިގެން ކުރިއަށް ދާންޖެހޭނީ ރައްޔިތުންނަށް ފައިދާވާގޮތަށް. ގައުމައިގެން ކުރިއަށް ކަމަށް ވިދާޅުވެ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ގަންނަވާ އުސޫލަކުންނޫން ކަންކަން ކުރައްވަންވާނީ. ސޯފާ އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ބައެއް ކަންތައްތައް. މިކަމާއިދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކުރާނަން. ނަމަވެސް މީ އަދި ޑޮރާފްޓެއް،" ފޭސްބުކްގެ ސްޓޭޓަސްގައި އަބްދުﷲ ވިދާޅުވެފައި ވެއެވެ.
ސޯފާ އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ހަ ކަމެއް އަބްދުﷲ ވަނީ ސްޓޭޓަސްގައި ފާހަގަ ކޮށްފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ގައުމަށް އެއްވެސް ފައިދާއެއް ނުވާނެ ގޮތަކަށް ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫކުރަން ޖެހޭ ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ކޮންމެ ފަދަ ޖަރީމާއެއް ހިންގި ނަމަވެސް އެ ކަންކަމާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ. ސޯފާ އެއްބަސްވުން ކަމަށް ބުނެ ލީކުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އެމެރިކާ ސިފައިން ހަރަކާތްތެރިވާއިރު އެ މީހުންގެ މައްޗަށް ހިނގާނީ އެމެރިކާގެ ގާނޫނުތަކެވެ.
އެމެރިކާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ޖަރީމާތައް" ހިންގަމުން އަންނަ ކަމަށާއި، އެ ގައުމާއި މެދު ދެކޮޅުވެރިވާ ފަރާތްތަކުގެ ލޯތައް ރާއްޖެއަށް އަމާޒުވުމުގެ ބިރު މި އެއްބަސްވުމުގެ ސަބަބުން އޮންނާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވެފައި ވެއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯފާ އެގްރީމަންޓާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާއިރު، އިސްލާމިކް މިނިސްޓަރު ޝައިހް މުހަންމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ސޯފާ އާއި ދެކޮޅަށް ފޭސްބުކްގައި ވާހަކަ ދައްކަވާފައެވެ. އަދި ބަންޑާރަ ނައިބު އައިޝަތު ބިޝާމު ވެސް ވަނީ އެ އެއްބަސްވުމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ، 12 ކަމެއް ފާހަގަ ކުރައްވާފައެވެ. ނަމަވެސް އެ ކަންތައްތަކެއް ބަންޑާރަ ނައިބު ހާމައެއް ނުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ