އަންނަ މަހުން ފެށިގެން ސަބްސިޑީ ކަނޑާލައި، ކަރަންޓުގެ އަގަށް ބަދަލު ގެންނަނީ
ދައުލަތުގެ ބަޖެޓުން ކަރަންޓަށް ދެމުން އައި ސަބްސިޑީ އަންނަ މަހުން ފެށިގެން ކަނޑާލައި، ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ. އެ ބަދަލާ އެކު ބައެއް ބޭންޑްތަކަށް ކަރަންޓް އަގު ހެޔޮވެފައިވާ އިރު އަނެއް ބައި ބޭންޑްތަކަށް ކަރަންޓްގެ އަގު ވަނީ ބޮޑުވެފަ އެވެ. އެކި ރަށްތަކުން ކަރަންޓަށް އަގު ނަގާ މިންވަރު މިހާރު ތަފާތުވި ނަމަވެސް އަލަށް އެކުލަވާލި އޮނިގަނޑުގައިވާ ގޮތުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ހުރިހާ ރަށްތަކެއްގައި ވެސް ކަރަންޓް އަގު ނަގަން ހަމަޖައްސާފައި ވަނީ އެއް ރޭޓަކުންނެވެ. އަދި މި ބަދަލާ އެކު މަހަކު 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ ތަންތަނުގެ ކަރަންޓަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް އެނާޖީ މިނިސްޓްރީން ބުންޏެވެ. "މުޅި ޖުމްލަ ގޮތަށް ބަލާއިރު ބައެއް ބޭންޑްތަކުގެ އަގު ވަނީ 2009 ގައި ކަނޑައެޅި އަގުތަކަށް ވުރެ ކުޑަވެފައި. އަދި އަނެއް ބައި ބޭންޑްތަކަށް އަގު ކޮންމެވެސް ވަރަކަށް މިވަނީ އިތުރުވެފައި،" އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވި އެވެ. އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އާއި ފެނަކަ އަދި އެންސްޕާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެތަންތަނުން ބުނީ މާޗް މަހުގެ ކަރަންޓް ބިލް ހިސާބުކުރާނީ އަގަށް ގެނައި އާ ބަދަލުން ކަމަށެވެ. ކަރަންޓް ހިދުމަތުގެ އަގަށް ގެނައި ބަދަލު: ބައެއް ބޭންޑްތަކުގެ އަގު ދަށްކޮށްފައިވާއިރު ބައެއް ބޭންޑްތަކުގެ އަގު ވަނީ ބޮޑުކޮށްފައި.400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުންކުރާ ތަންތަނުގެ ކަރަންޓްގެ އަގު ހެޔޮ ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނޭ.ބައެއް ޔުނިޓްތަކުން 80-260ރ. އާ ހަމައަށް އަގުތައް ވަނީ މައްޗަށް ޖައްސާފައި.މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ހުރިހާ ރަށްތަކެއްގެ ކަރަންޓް އަގު ވަނީ އެއް ރޭޓަކަށް ބަދަލުކޮށްފައި. އެކަމަކު ވިޔަފާރިތަކަށް ބިލް ކުރާ ރޭޓަށް ބަދަލެއް ނުގެނޭ.މާޗް މަހުގެ ބިލް ހަދާނީ އާ ރޭޓުތަކަށް ބަލައިގެން. ފެނަކަ ކޯޕަރޭޝަނުން ބުނިގޮތުގައި ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނިން ހިދުމަތް ދޭ ހުރިހާ ރަށެއްގައި ވެސް އާއްމުންނަށް ބިލް ކުރާނީ އެއް ރޭޓެއްގަ އެވެ. އެކަމަކު ވިޔަފާރިތަކަށް ބިލްކުރަމުން ދިޔަ ރޭޓަކަށް ބަދަލެއް ނާންނާނެ އެވެ. ކަމާބެހޭ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށް ވުރެ އިތުރު ނުވާނަމަ ބިލަށް އިތުރުވެގެން ދާނީ ގާތްގަނޑަކަށް 80ރ. އާއި 135ރ. އާ ދެމެދުގެ އަދަދެކެވެ. ކަރަންޓް ބޭނުންކުރާ މިންވަރު 500 ޔުނިޓް ނުވަތަ 600 ޔުނިޓް ނަމަ ބިލަށް އިތުރުވެގެންދާނީ 192-260ރ. އާ ދެމެދުގެ އަދަދެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ. ފެނަކަ އިން އާއްމު ކުރި މައުލޫމާތުތަކުގައިވާ ގޮތުން 100 ޔުނިޓަށް މިހާރު ދައްކަން ޖެހޭނީ 220ރ. އެވެ. އެކަމަކު ފެބުރުއަރީން ފެށިގެން ދައްކަން ޖެހެނީ 300ރ. އެވެ. އެހެންވެ 80ރ. އެ ވަނީ ބޮޑުވެފަ އެވެ. އަދި 200 ޔުނިޓަށް 495 ދައްކަމުން އައި ނަމަވެސް 135ރ.ގެ އިތުރުވުމަކާ އެކު އަލަށް ކަނޑައަޅާފައި ވަނީ 630ރ. އެވެ. ތިންސަތޭކަ ޔުނިޓަށް މިހާރު 845ރ. ދައްކަމުން އައި ނަމަވެސް އާ ބަދަލާ އެކު 125ރ. ބޮޑުކޮށްފައިވާތީ 970ރ. ދައްކަން ޖެހެ އެވެ. ކަރަންޓް ބޭނުންކުރަނީ 400 ޔުނިޓަށް ނަމަ މިހާރު ދައްކަން ޖެހެނީ 1195ރ. އެވެ. އެކަމަކު މި ބޭންޑަށް ވެސް 125ރ. ގެ އިތުރުކޮށް މާޗް އިން ފެށިގެން 1320ރ. ދައްކަން ޖެހެ އެވެ. ފަސްސަތޭކަ ޔުނިޓަށް މިހާރުގެ އަގަކީ 1745ރ. އެވެ. އެކަމަކު 192ރ. އިތުރުކޮށް އެ ޔުނިޓުގެ އަގު 1937ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. މިހާރު 600 ޔުނިޓަށް ދައްކަން ޖެހެނީ 2295ރ. ނަމަވެސް އާ ބަދަލާ އެކު 2555ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. އޭރުން އެ ޔުނިޓުން ބޮޑުކޮށްފައި ވަނީ 260ރ. އެވެ. ފެނަކަ އިން ބުނީ ޑީސަލް ލިޓަރެއްގެ އަގު 10.75 ރުފިޔާ އަށް ވުރެ އިތުރު ނުވާ ނަމަ، 400 ޔުނިޓަށް ވުރެ ދަށުން ކަރަންޓް ބޭނުންކުރާ ފަރާތްތަކުން ފިއުލް ސާޗާޖް ދައްކާކަށް ނުޖެހޭނެ އެވެ. ސްޓެލްކޯ އިން ބުނީ ފިއުލް ސާޗާޖް ނަގާނީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޭސް ރޭޓަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކުން 3 ލާރީގެ ރޭޓުންނެވެ. ބޭސް ރޭޓުގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ 400 ޔުނިޓުން މަތި ނަމަ ޔުނިޓަކަށް 8ރ. އެވެ. އަދި 400 ޔުނިޓާ ހަމައަށް ނަގަނީ ޔުނިޓަކަށް 10ރ. ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ