އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް ވަރަށްގިނަ ދުވަސްތަކެއް ވަންދެން ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ ޢުމަރު ޒާހިރު، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ85 އަހަރެވެ.
އޮނަރަބަލް ގާސިމް އިބްރާހިމްގެ މެސުގައި ވަނީ ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.
ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ޙަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެކެވެ. ޚިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ގައުމީ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައްވައި، ފޯރިއާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ޝަޚްސިއްޔަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ