ޔާމީން އިތުބާރު ކުރައްވާ ބަޔަކު ޕާޓީ ތެރެއަކު ނެތް، ކުރީ ސަފުގައި ތިބީ ޓިކެޓު ބޭނުންވާ މީހުން: އުމަރު

ޔާމީން މިނިވަންކުރަން ގޮވާލައި ކުރީ ސަފުގައި ތިބީ ރިޔާސީ ޓިކެޓު ބޭނުންވާ މީހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
“އަވަސް” ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓު ނުލިބިއްޖެ ނަމަ، އެމަނިކުފާނު އަތުން ޕާޓީ ގެއްލޭނެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކުރިމަތިވެވަޑައިގެން ގޮތަކީ އެކަމުގެ މިސާލެއް ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ނުލިބޭ ހާލަތެއްގައި އެމަނިކުފާނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އެހެން ޕާޓީއެއްގެ ކެންޑިޓޭޓަކަށް ތާއީދު ކުރުން ކަމަށެވެ. ނޫން ނަމަ، ޕީޕިއެމްގެ ޓިކެޓު ދޭން ވާނީ ރައީސް ޔާމީނުގެ 100 ޕަސަންޓު ޔަގީންކަން އޮތް މީހަކަށް ކަމަށާއި ރައީސް ޔާމީނުގެ ދަރިކަލުންނާއި އަނބިކަނބަލުން ފިޔަވައި އެމަނިކުފާނު އެވަރުގެ އިތުބާރު ކުރައްވާ ބަޔަކު އެ ޕާޓީގައި ނެތް ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ޔާމީނު މިނިވަންކުރުމަށް އަޑު އުފުލުމުގައި އެންމެ އިސްކޮށް އެ ތިއްބެވީ ރިޔާސީ ޓިކެޓު ލިބޭނެ ފުރުސަތަކަށް ބަލަބަލައި ތިބި މީހުން ކަމަށާއި ރައީސް ޔާމީނު ވިދާޅުވި ގޮތެއް ހައްދަވަން ކަމަށް ބުނެ އެމީހުން ދައްކަނީ “ފޭކު” ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވި އެވެ.
“އެތާ ސަފު ހަދައިގެން އެތިބަ ހުރިހާ ބޭފުޅުން އެ ތިއްބެވީ ރައީސް ޔާމީނު ޖަލުގަ ބާއްވައިގެން ޓިކެޓު ހޯދޭނެކަމުގެ އުންމީދުގައި ގޮސް ތިބި ބޭފުޅުން އެ ތިއްބެވީ. ރައީސް ޔާމީނަށް ހެޔޮ އެދިގެން ތިބި މީހުނެއް ނޫން އެތާ އެ ތިބީ،” އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ