ހިޔާ ޓަވަރު 15 އަދި 16 އިން ކަރަންޓު ނުދެވޭ ފްލެޓްތަކަށް ކަރަންޓު ދޫކުރުން މާދަމާ
ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން ޓަވަރު 15 އަދި 16 އިން ކަރަންޓު ދޫނުކުރެވި ހުރި ފްލެޓްތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މާދަމާ މި ދެ ޓަވަރުގެ ފްލެޓްތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތްކުރާނެކަމަށެވެ. އަދި ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ވަގުތު އަންގާނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފްލެޓްގެ ވެރިފާރާތުން އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ. ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ. ހިޔާ ފްލެޓްއަށް ކަރަންޓްދޭން ފަށާފައި ވާއިރު، އެންމެ ފުރަތަމަ ކަރަންޓް ދީފައި ވަނީ 15 އާއި 16 ވަނަ ޓަވަރަށެވެ. އަދި ބުދަ ދުވަހު ކަރަންޓް ދީފައި ވަނީ 11 އާއި 12 ވަނަ ޓަވަރަށެވެ. ހަތްވަނަ ޓަވަރާއި އަށްވަނަ ޓަވަރަށް ކަރަންޓް ދިނީ ބުރާސްފަތި ދުވަހެވެ. ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ސްޓެލްކޯ އިން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް 09:00 އިން 17:00 އަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ