ޕްރިންސިޕަލެއް ނެތި ކިޔެވުން ފަށާތީ، ޅ. އޭއީސީގެ ބެލެނިވެރިން އިހުތިޖާޖު ކޮށްފި

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޅ. ހިންނަވަރުގައި ހުންނަ އެ އަތޮޅުގެ ތައުލީމީ މަރުކަޒުގައި ޕްރިންސިޕަލަކާ ނުލާ ފަށާތީވެ، އެ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން އިހުތިޖާޖު ކޮށްފިއެވެ.
އޭއީސީގެ ކުރިމަތީގައި މިއަދު ހެނދުނު ކުރި އިހުތިޖާޖުގައި ބެލެނިވެރިން ވަނީ، އެ ސްކޫލްގެ ފަރާތުން ދަރިވަރުންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ގޮވާލައި، ދަރިވަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭއީސީން ކޮރަޕްޝަން ނައްތާލައި އެ ސްކޫލް އޮޑިޓު ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
މިކަމާ ގުޅިގެން ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަބްދުﷲ "ދަ ޕްރެސް" އަށް ވިދާޅުވީ، އޭއީސީގެ ޕްރިންސިޕަލް މިވަގުތު ހުންނެވީ ކޯހެއް ފުރިހަމަ ކުރެއްވުމަށް އިނގިރޭސިވިލާތުގައި ކަމަށާއި، މައްސަލަ ޖެހިފައި ވަނީ، އެކަމާ ގުޅިގެން އެ ސްކޫލާ އޭރު ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕްރިންސިޕަލް ހަ މަސް ދުވަހަށް ފަހު، އާ ޓާމުގެ ކިޔެވުން ފެށުމުގެ އެއް ދުވަސް ކުރިން ނައިފަރަށް ކުއްލިއަކަށް ބަދަލުކުރުމުން ކަމަށެވެ.
އޭއީސީގެ ކިޔެވުމުގެ ފެންވަރު ދަށް ކަމަށް ބެލެނިވެރިން ބުނަމުން ދާއިރު، އަހުމަދު ވިދާޅުވީ، އެ ސްކޫލްގެ ވަރަށް ގިނަ ޓީޗަރުންވެސް ވަނީ ކެނޑިފައި ކަމަށެވެ.
ހަމަ އެއާއެކު، އަހުމަދު ވިދާޅުވީ، ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ އޭއީސީގެ ހިންގުން، އެ ސްކޫލްގެ އެޑްމިންގެ ކަންކަމާ ހަވާލުވެ ހުންނެވި އިސްވެރިޔާއަށް ބޮޑު ދައިތަ ކިޔާ ބޭފުޅަކާ ހަވާލުކުރުމުން ކަމަށެވެ. އެކަމާ ހިތްހަމަ ނުޖެހި، ބެލެނިވެރިން ވަނީ އޭއީސީން ކޮރަޕްޝަން ނައްތާލުމަށާއި ސްކޫލް އޮޑިޓު ކުރުމަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ