ހުޅުމާލޭގެ ބައެއް މަގުތަކުގައި މާދަމާ ހަވީރު 4އިން ރޭގަނޑު 8އަށް ވެހިކަލް ދުއްވުން މަނާ

ހުޅުމާލޭގެ ބައެއް މަގުތަކުގައި މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީލާދީ އާ އަހަރު ފެށުން ފާހަގަކުރުމާ ގުޅިގެން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ހުޅުމާލެ އިރުމަތީ ފަރާތު ބީޗް ސަރަހައްދާ ގުޅިފައިވާ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖެއްސާފައިވާ ކަމަށެވެ.
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ އިރު، މާލެ އަދި ވިލިމާލޭގައި މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އެގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ކޮވިޑްގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަބަންދުވެ، އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައިދިނުމަށްޓަކައި ކަމަށެވެ.
އެވަގުތު ދުއްވުމުގެ ހުއްދަ ދެވިފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސްއާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް އެކަންޏެވެ.
އެ އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އީދު ބަންދުތަކާއި އެހެނިހެން މުނާސަބަތުތަކާ ދިމާކޮށް، މީގެ ކުރިންވެސް މާލޭގައި ވަކި ވަގުތުތަކެއްގައި ފައިމަގުގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ