ޖިހާދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފް ކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުން ބާތިލުކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ނިންމަފިއެވެ.ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ ކޯޓުގައި އޮއްވައި ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން އެދިވަޑައިގެންފަ އެވެ.ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން، ޕީޖީއިން ވަނީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް އެދިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ. އެއީ އޭނާ އަނބުރާ ނައުމުގެ އިހްތިމާލު އޮތުމުން ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ 20 ޖެނުއަރީ 2021ގެ ނިޔަލަށެވެ.އެ ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އިއްޔެ ނިންމީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސެއިން ޝަހީދާއި، އަބްދުއްރައޫފް އިބްރާހިމާއި، ހާތިފް ހިލްމީވެސް އެކަމަށް އެއްބަސްވި ނަމަވެސް، އެ ބޭފުޅުންގެ މެދުގައި ހިލާފުތަކެއް ހުއްޓެވެ.ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ފިއްލަވާފާނެ ކަމަށް ބަލައިގެންނެވެ. އެކަމަކު މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދޭއިރު ގާނޫނީ ގޮތުން ފުރިހަމަ ވާން ޖެހޭ ތިން ކަމެއްގެ ތެރެއިން، އެ އަމުރު ބިނާކުރި "ފިިލައިގެން ދާން އުޅޭ ކަމުގެ ހެކި"، ޖިހާދާ ދެކޮޅަށް ނެތް ކަމަށް، ހައި ކޯޓުން ނިންމި އެވެ. މި މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދުއާއި، އިސްފަނޑިޔާރު ހާތިފް ޙިލްމީއާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އެވެ.ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރަކަށް ޖިހާދު ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 ޕަސެންޓުގެ ބަދަލުގައި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރި މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ