”ކަރުހަކުރު“ ސީޒަން 3 – ތީމް ލަވަ ނެރެ، ޕްރިމިއާ ތާރީޚް އިޢުލާނުކުރަނީ

ކާމިޔާބު ސިޓްކޮމް ”ކަރުހަކުރު“ ސީޒަން 3ގެ ތީމް ލަވަ ނެރުމާއި ސީރީޒް ދައްކަން ފަށާނެ ތާރީޚް މިއަދު 14:00ގައި އިޢުލާނުކުރާނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.
”ކަރުހަކުރު“ ޓްވިޓަރ ހެންޑްލް އިން މަޖާ ޓީޒާއެއް ވެސް ރޭ ހިއްސާކޮށްފައި ވެއެވެ. ޓީޒާއިން ފެނިގެންދަނީ ރަޝީދު އާއި ކުޑޭ ސިޓިންގރޫމްގައި ތިއްބާ ކުޑޭއަށް ކޯލެއް އަންނަ ތަނެވެ. ފޯނަށް ޖަވާބުދިނުމަށްފަހު ބުޅާ ގޮވާގޮތަށް ކުޑޭ ’މިޔާއޮ‘ ގޮވަމުން ސޯފާ މައްޗަށް އަރައި މަޖާ ގޮތަކަށް އުޅޭތަން ފެންނަ އިރު، ރަޝީދު އިންނަނީ ވާނުވާ ނޭނގި، ހައިރާން ކަމެއްގެ ތެރޭގައެވެ.
”ކަރުހަކުރު”ގެ ސީޒަން 03 ގައިވެސް ހިމެނޭނީ 12 އެޕިސޯޑެވެ. ރާއްޖޭގެ މަޤްބޫލު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު ސްކްރީންޕްލޭ ލިޔާ މި ސީރީޒްގައި މިފަހަރު އައު ތަރިންތަކެއް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން މެއިން ކާސްޓަށް ވެސް އިތުރު ތަރިއެއް އަންނާނެކަން މަހްދީގެ ބްލޮގްގައި ބުނެފައިވެއެވެ.
މުޙައްމަދު މުންތަސިރު (މުންކޮ) ޑައިރެކްޓްކުރާ ”ކަރުހަކުރު“ މިއީ އޯކޭޒް އިންކް އާއި ބައިސްކޯފު ގުޅިގެން އުފައްދަމުން އަންނަ ސީރީޒެކެވެ.
”ކަރުހަކުރު“ ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު)ގެ އިތުރުން އަފްރާހް (ކުޑޭ) ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ