ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް ވެރިކަމުން ވައްޓާ ނުލެވިގެން އުޅޭ މީހުން: ގާސިމް

2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ވައްޓާ ނުލެވިގެން އުޅޭ މީހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ވިދާޅުވީ ބަޖެޓު ރަނގަޅު ކަމަށާއި އެހެންޏާ ވެސް ބަޖެޓު ފާސްކުރަނީ ދަރަނިކޮށް ކަމަށެވެ. އަދި އެކަން ކަމުނުގޮސްގެން އުޅުނީ ރައީސް ސޯލިހު ވެރިކަމުން ވައްޓާ ނުލެވިގެން އެކަމާ އުޅޭ މީހުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެހެން ހަދައިގެން ނުވާނެ ކަމަށާއި ކުރަންވީ ކަމަކީ ބޭރުން ނަގާފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތެއް ހޯދުމަށް ސަރުކާރުންކުރާ މަސައްކަތްތައް މަޖިލީހުން ފުރިހަމައަށް އެހީތެރިވުން ކަމަށެވެ.
އެހެން ނޫނީ އެކަން ނުވެގެން ލިބޭ ގެއްލުން ރައްޔިތުން އުފުލަން ޖެހޭނެ ކަމަށާއި ވީމާ ވަކި ގައުމަކާ ޖެހިނުގަނެ ހުރިހާ ބަޔަކާ އެކީ ވަރުގަދަ ގުޅުން ބާއްވައިގެން ވަކި ބައެއްގެ އަތް ދަށު ނުވެ ކުރިއަށް ދާންވީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ ބަޖެޓު އަދިވެސް ކުޑައީ ކަމަށާއި މިއަދު ރައްޔިތުންނަށް އެހީ ވެވުނު ގޮތަކަށް އެހީވާންވީ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.
ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ