ފުލުހުންގެ އައު ޤާނޫނުން ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް: ރައީސް ނަޝީދު

ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނާއެކު ފުލުހުންނަށް ލިބިގެންދާނީ އުންމީދީ ކުރިމަގެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިއްޔެ ރައީސް ޞާލިޙުވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު މަޖިލިހުން ފާސްކުރި ގޮތަށް ތަޞްދީޤުކުރައްވާފައެވެ. މި ޤާނޫނުގެ ދަށުން މަޤާމުގައި ތިއްބެވި ކޮމިޝަންޑް ފުލުސް އޮފިސަރުން މަޤާމުން ވަކިކުރެވޭނެ އިންތިޒާމެއް ތަރުތީބުވެގެންދާނެއެވެ. ރައީސް މުޙައްމަދު ނަޝީދު ޞިފަކުރެއްވި ގޮތުގައި އެ ޤާނޫނުން ގެންނަ އިސްލާހުތަކަކީ ފުލުހުންގެ އެތައް އޮފިސަރުންނަކާއި، އެ މުއައްސަސާގެ އިތުރަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ނުހަނު ބޮޑަށް އެދިގެން ގެނައި އިސްލާހުތަކެކެވެ. އަދި އެ ޤާނޫނުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިއެރުމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު ތަޞްދީޤުކޮށްފައިވާ ޤާނޫނުގެ ދަށުން ފުލުހުންގެ ބޯޑެއް އެކުލަވައިލާ އެ ބޯޑުން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި ސުޕްރިޓެންޑެންޓުންގެ މަޤާމަށްވުރެ މަތީ މަޤާމުތަކުގައި ތިބި ފުލުސް އޮފިސަރުންގެ ތެރެއިން ތަފާތު ތުހުމަތުކުރެވޭ އޮފިސަރުންގެ މައްސަލަތައް ބަލާނެވެ. އަދި އެއަށްފަހު އެއިން ބައެއް އޮފިސަރުން ވަކިކުރުމާމެދު ގޮތެއް ނިންމާނެއެވެ. މި ބޯޑުން ބެލުމަށް ހަމަޖެހިފައިވަނީ ލާއިންސާނީ އަމަލުތަކާއި، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާއި، ކޮރަޕްޝަނުގެ ތުހުމަތުވާ މައްސަލަތަކެވެ. އެ މައްސަލަތައް ބަލައި ނިމެންދެން ތުހުމަތުވާ ފުލުސް ބޭފުޅުން މަޤާމުތަކުގައި ދެމިތިއްބަވާނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ